08 ޖެނުއަރީ 2019 - 10:29

ލަންޑަން (ޖެނުއަރީ 8) – ޗައިނާގެ ދާލިއާން ޔިފޭންގަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ވިންގާ ޔަނިޗް ކަރަސްކޯ އެނބުރި ޔޫރަޕާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އާސެނަލުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ކަރަސްކޯ އަކީ މޮނާކޯ އާއި އެތުލެޓިކޯ މެޑްރިޑުގައި ވިދާލި ކުޅުންތެރިއެކެވެ. އެކަމަކު އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ އޭނާ ޗައިނާ ލީގަށް ބަދަލުވީ އެވެ.
ކަރަސްކޯ ގެންދަން މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާނުން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ އާސެނަލަށް އާނ ބަސް ބުނެފަ އެވެ. އޭނާ ލޯނެއްގެ ދަށުން ގެންދަން މިލާނުން ބޭނުންވި ނަމަވެސް ދާލިއާނުން ބޭނުންވަނީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ވިއްކާލާށެވެ. އާސެނަލް އޮތީ އެކަމަށް ތައްޔާރުގަ އެވެ.
ދާލިއާނުން 30 މިލިއަން 30 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިއާ ވިއްކާލާނެ އަގެއް ނޭގެ އެވެ. ބެލެވޭ ގޮތުގައި އަގު އުޅޭނީ 20 މިލިއަން ޔޫރޯގަ އެވެ.
ބެލްޖިއަމް ގައުމީ ޓީމަށް 31 މެޗު ކުޅެދީފައިވާ ކަރަސްކޯ އެނބުރި ޔޫރަޕަށް ބަދަލުވާން ބޭނުންވާ އެއް ސަބަބަކީ އަލުން ގައުމީ ޓީމުން ފުރުސަތު ހޯދުމެވެ.