08 ޖެނުއަރީ 2019 - 10:53

މީގެ 27 އަހަރު ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޓިޑް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް އާންމު ފަރާތްތަކުން ޖަމާކޮށްފައި ހުރި ފައިސާ ނެގުމަށް އެންމެ ފަހު ފުރުސަތު އެމްއެމްއޭ އިން ދީފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކުރި އިއުލާނުގައި ބުނީ ބީސީސީއައި މާލޭ ގޮތްޕަށް ފައިސާ ޖަމާކުރި އާންމު ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް 1995 ވަނަ އަހަރުން ފެށިގެން އެ އޮތޯރިޓީ އިން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ތަކުރާރުކޮށް އެންގުމުން ވެސް ބައެެއް ފަރާތްތަކުން އަދިވެސް ފައިސާ ނަގާފައިނުވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
މިފަހަރު އަންގާފައިވަނީ ބީސީސީއައި މާލޭ ގޮތްޕަށް ފައިސާ ޖަމާކުރި އާންމުންގެ ފައިސާ، އަންނަ މާޗް މަސް ނިމުމުގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަށް ފަހު، އެ ފައިސާ ދޫކުރުން ހުއްޓާލަން އެ އޮތޯރިޓީ އިން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެމްއެމްއޭ އިން ވަނީ ފައިސާ ނުނަގާ ތިބި 2،000 އަށް ވުރެ ގިނަ ފަރާތްތަކުގެ މައުލޫމާތު ވެސް އެ އިިއުލާނާ އެކު އާންމުކޮށްފަ އެވެ.
ބީސީސީއައި މާލޭ ބްރާންޗް ބަނގުރޫޓްވެ، ބަންދުކުރީ ޖުލައި، 1991 ގަ އެވެ. އެހެންވެ، އެތަނުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ހައްގުތައް 1995 ވަނަ އަހަރުން ފެށިގެން އަދާ ކުރަމުން އަންނަނީ އެމްއެމްއޭ އިންނެވެ. ބީސީސީއައިގެ މާލޭ ބްރާންޗް ބަންދުކުރިޔަސް، އެ ބޭންކް ބްރާންޗްތައް އެހެން ބައެއް ގައުމުތަކުގައި އަދިވެސް ހިންގަ އެވެ.