ތިން ދުވަހުގެ ދަތުރެއްގައި ކިމް ޗައިނާ އަށް
ތިން ދުވަހުގެ ދަތުރެއްގައި ކިމް ޗައިނާ އަށް

ބެއިޖިން (ޖެނުއަރީ 8) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ޗައިނާ އަށް ވަޑައިގެންފި އެވެ.

ކުރިން އިއުލާން ނުކުރާ ދަތުރެއްގައި ކިމް ވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކަމަށްވެ އެވެ. އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކިމް ބެއިޖިންގައި މަޑު ކުރައްވާނެ އެވެ. ކިމްއާ އެކު އަނބިކަނބަލުން ރި ސޮލް-ޖޫ ވެސް ޗަައިނާ އަށް ވަޑައިގެންނެވި އެވެ.

ރޭލްގައި ކިމް ޗައިނާ އަށް ވަޑައިގެންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ދެ ވަނަ ސަމިޓެއް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އަޑުފެތުރިފައިވާ ދުވަސްވަރެއްގަ އެވެ. ކިމް އާއި ޓްރަމްޕް ވަނީ ޖޫން މަހު ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފަ އެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ނޯތު ކޮރެއާގެ ވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ކިމް ޗައިނާ އަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. ކިމް މިދިޔަ އަހަރު ވަނީ ތިން ފަހަރެއްގެ މަތިން ޗައިނާ އަށް ވަޑައިގެންފަ އެވެ. އެ އިން އެއްވެސް ދަތުރެއް ކުރިން އިއުލާން ކުރައްވައިފައެއް ނުވެ އެވެ.

މިއަދަކީ ކިމްގެ 35 ވަނަ އުފަން ދުވަސް ކަމަށް ވެސް ބުނެވެ އެވެ. ނަމަވެސް ކިމްގެ އުފަން ދުވަސް ނޯތު ކޮރެއާ އިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޗައިނާ އަކީ ނޯތު ކޮރެއާގެ އެންމެ ރަހުމަތްތެރި ގައުމެވެ.