09 ޖެނުއަރީ 2019 - 11:11

ލަންޑަން (ޖެނުއަރީ 9) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ، ސުވާލު އުފެދުނު ޕެނަލްޓީ ނިންމުމެއް ވީއޭއާރް މެދުވެރިކޮށް ނިންމައިގެން ޗެލްސީ 1-0 އިން ބަލިކުރެވުނަސް ހިތްހަމަނުޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލަންޑަނުގެ ދެ ޓީމުގެ މެދުގައި ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި ރެފްރީ މައިކަލް އޮލިވާ ޓޮޓެންހަމަށް ޕެނަލްޓީ ދިނީ ވީޑިއޯ ރީޕްލޭ ބަލައިގެންނެވެ. ޝައްކު އުފެދުނީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާގެ ޓެކްލް ޓޮޓެންހަމްގެ ހެރީ ކޭންގެ ފަޔަށް އެރިއިރު އޭނާ އުރީ އޮފްސައިޑުގައިތޯ ނުވަތަ ނޫންތޯއާ މެދު އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޓޮޓެންހަމަށް ލީޑު ނަގައިދިނީ ކޭން އެވެ.
"އަހަންނަށް ވީއޭއާރް ކަމަކުނުދޭ. މިއަދު އޭގެ ފައިދާ އަހަރެމެންނަށް ލިބުނީ. އެކަމަކު ވޯލްޑް ކަޕާއި ސްޕެނިޝް ލީގުގެ މެޗުތައް ބެލުމުން އެނގެނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއްވެސް މީހަކު ހުރީ ހިތްހަމަޖެހިފައި ނޫންކަން،" ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ކަމަކުން ފައިދާއެއް ވުމަކީ ރަނގަޅެއް ކަމަށާއި އެކަމަކު މިގޮތަށް މޮޅުވުމުން އޭނާ އުފާނުވާ ކަމަށެވެ. އަދި އޭނާ ޓެކްނޮލޮޖީގެ ބޭނުން ހިފަން ބޭނުންވަނީ އެހެން ގޮތަކަށް ކަމަށް ވެސް ބުންޏެވެ.
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ކޭން ހުރީ އޮފްސައިޑުގައިކަން އޭނާ ބެލި ވީޑިއޯ އިން ފެންނަ ކަމަށް ބުނެފަ އެވެ. އަދި ޕްރިމިއާ ލީގުގައި ބޭނުންނުކޮށް ވީއޭއާރް ހަމައެކަނި ލީގު ކަޕުގައި ބޭނުންކުރަނީ ކީއްވެތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"އިރުކޮޅެއް ކުރިން އަހަރެމެންގެ ކެމެރާގެ ވީޑިއޯ ބެލިން. އޭނާ ހުރީ އޮފްސައިޑުގައި،" ސާރީ ބުންޏެވެ. "އަހަންނަށް ހީނުވޭ އިނގިރޭސި ރެފްރީންނަށް މި ސިސްޓަމް ބޭނުންކުރެވިދާނެހެން."
މި ދެ ޓީމުގެ ދެ ވަނަ ލެގު އޮންނާނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މި މަހުގެ 24 ގަ އެވެ. ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ ބާޓަން އަލްބިއޯންއާ ދެކޮޅަށެވެ.