ޝާހްރުކް ހާން "ސާރޭ ޖަހާ ސެ އައްޗާ" ދޫކޮށްލީ؟
ޝާހްރުކް ހާން "ސާރޭ ޖަހާ ސެ އައްޗާ" ދޫކޮށްލީ؟

އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ރޯލް ޝާހްރުކް ހާން ކުޅެން ސޮއިކުރި ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" އިން އޭނާ ވަކިވެފައިވާ ކަމަަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޝާހްރުކް ފިލްމު ދޫކޮށްލީ އޭގެ މަސައްކަތް އަންނަ މަހު ފަށާ ގޮތަށް ކުރިން އޮތް ނަމަވެސް، ޝޫޓިން ލަސްވުމުގެ އިތުރުން، ފަރުހާން އަހްތަރުގެ "ޑޮން 3" އަށް ވަގުތު ދޭން ބޭނުންވެގެންނެވެ.

އެހެންވެ، އަލަށް ޑައިރެކްޝަނަށް ނުކުންނަ މަހޭޝް މަތާއީގެ "ސާރޭ ޖަހާ ސެ އައްޗާ" ނުކުޅެން ނިންމައި، ފަރުހާންގެ "ޑޮން 3" އަށް މި ވަގުތު ޝާހްރުކް އިސްކަން ދޭން ބޭނުންވީ ކަމަށް މީޑިއާތަކުން ބުންޏެވެ. ފަރުހާން މިދިޔަ ހަފުތާގައި ވަނީ "ޑޮން 3" ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

މި ފްރެންޗަޒަކި އޭނާ 2006 ގައި ޝާހްރުކާ އެކު ގެނެސް ދޭން ފެށި އެއްޗެކެވެ. އެގޮތުން "ޑޮން" 2006 ގައި ގެނެސް ދިނުމަށް ފަހު، "ޑޮން 2" ސިނަމާތަކަށް ގެނައީ 2011 ގަ އެވެ.

ކުރިން "ސެލިއުޓް" ގެ ނަން ދިން "ސާރޭ ޖަހާ ސެ އައްޗާ" އަށް ޝާހްރުކް ސޮއި ކުރީ އާމިރު ހާން އެކަމަށް އެދިގެންނެވެ. މި ފިލްމު ކުޅެން ފުރަތަމަ ލިބުނީ އާމިރަށެވެ. ނަމަވެސް އަމިއްލަ ބައެއް ސަބަބުތަކާ ހެދި ފިލްމު ނުކުޅެން ނިންމައި، ޝާހްރުކަށް ގުޅާފައި ފިލްމަށް އެއްބަސްވާން އޭނާ އެދުނީ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް، ފްލޮޕްވެފައިވާތީ އޭނާގެ ކެރިއަރު ވަނީ ބޮޑު ސުވާލު މާކެއްގެ ތެރޭގަ އެވެ. އެގޮތުން މިދިޔަ މަހު ރިލީޒް ކުރި "ޒީރޯ" އާއި 2017 ގައި ރިލީޒް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" އާއި 2016 ގެ "ފޭން" އާއި 2015 ގެ "ދިލްވާލޭ" ފަދަ ފިލްމުތަކަކީ މި ފަހުން ޝާހްރުކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ނާކާމިޔާބީތަކެވެ.

އޭނާ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކީ 2017 ގެ "ރައީސް" އެވެ.