ސަޕޯޓަރުން ނުވައްދާ ކުޅެ އިންޓަ ކުއާޓާ އަށް
ސަޕޯޓަރުން ނުވައްދާ ކުޅެ އިންޓަ ކުއާޓާ އަށް

މިލާން (ޖެނުއަރީ 4) – ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު މެޗުން ބެނެވެންޓޯ އަތުން 6-2 އިން މޮޅުވެ އިންޓަ މިލާނުން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.

ސަޕޯޓަރުން ނުވައްދާ ކުޅެން އިންޓަ އަށް އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން ޖެއްސީ، ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ސެނެގާލް ޑިފެންޑަރު ކަލިދޫ ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކޮށްފައިވާތީ އެވެ. އިންޓަ އިން ލީގުގައި އާދީއްތަ ދުވަހު ސައުއޮލޯއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ސަޕޯޓަރުން ނުވެއްދޭނެ އެވެ.

"މިއީ ހަގީގީ މެޗެއް ނޫން. މެޗެއްގެ އެންމެ މުހިއްމު ބަޔަކީ ސަޕޯޓަރުން. އެ މީހުން ދަނޑަށް އައިސް ދަނޑުމަތީގައި ދައްކާ ކުޅުން ބަލައި ހިތްހަމަޖެހުން ހޯދަން ޖެހޭނެ،" އިންޓަގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުންޏެވެ. "އަހަރެމެންނަށް އެއް ބަޔަކު ކުރި ކަމެއްގެ ސަބަބުން ރަނގަޅު މީހުންނަށް މެޗު ބެލުމުން މަހުރޫމްކުރެވިގެން ނުވާނެ."

ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްދެން އިންޓަ އިން ކުޅުނު މި މެޗުގައި އެ ޓީމުގެ އާޖެންޓީނާ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒް އަދި އިޓަލީގެ ތަޖުރިބާކާރު ވިންގާ އެންޓޯނިއޯ ކަންޑްރޭވާ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އެވެ. އަނެއް ދެ ގޯލް ޖެހީ ކެޕްޓަން މައުރޯ އިކާޑީ އާއި ޑަލްބާޓް ހެންރިކޭ އެވެ.

ރޭ ނަޕޯލީ ވެސް ވަނީ ސަސުއޮލޯ އަތުން 2-0 އިން މޮޅުވެ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ގޯލްތައް ޖަހައިދިނީ އަރިޗް މިލިޗާއި ފަބިއަން ރުއިޒެވެ.

ކުއާޓާ ފައިނަލުގައި އިންޓަ ބައްދަލުކުރަން ޖެހޭނީ ލާޒިއޯއާ އެވެ. ނަޕޯލީ ނުކުންނާނީ އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ކުރިން ކުޅެ ކޯޗުކޮށްދީފައިވާ އޭސީ މިލާނާ ދެކޮޅަށެވެ. އެ މެޗު މި މަހުގެ 30 ގައި ކުޅޭއިރު 27 ވަނަ ދުވަހު އިޓާލިއަން ލީގުގައި ވެސް މި ދެ ޓީމު ބައްދަލުކުރާނެ އެވެ. ދެ މެޗު ވެސް އޮންނާނީ މިލާނުގެ ސެން ސީރޯގަ އެވެ.

"އިޓާލިއަން ކަޕް ކާމިޔާބުކުރުމަކީ މި ސީޒަނަށް ކަނޑައަޅާފައިވާ އަމާޒެއް. އަހަރެމެންނަށް ކުރެވުނު ހިތްވަރެއްވިއްޔާ ކުރާނަން. އަހަރެމެން މި ޖެހުނީ ތިން ދުވަސް ތެރޭ މިލާނާ ދެ ފަހަރު ވާދަކުރަން. އަހަންނަށް ވަރަށް އެހެން ކަހަލަ ކަމަކަށް ވާނީ އެކަން،" އަންޗެލޮޓީ ބުންޏެވެ.