ވެއްޓުނު ލަޔަން އެއާގެ ކަޅުފޮށި ހޯދައިފި
ވެއްޓުނު ލަޔަން އެއާގެ ކަޅުފޮށި ހޯދައިފި

ޖަކާޓާ (ޖެނުއަރީ 14) - މިދިޔަ އޮކްޓޯބަރު މަހު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާ ބޯޓުގެ ކަޅުފޮށި ހޯދައިފި އެވެ.

ވެއްޓުނު ލަޔަން އެއާގެ ކަޅުފޮށި ހޯދައިފި
ވެއްޓުނު ލަޔަން އެއާގެ ކަޅުފޮށި ހޯދައިފި

ވެރިރަށް ޖަކާޓާ އިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓުނު ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފަ އެވެ. ބޯޓުގެ ޕައިލެޓް ވަނީ އަނބުރާ ޖެއްސުމުގެ ހުއްދައަކަށް ޓަވަރުގައި އެދިފަ އެވެ. އޭގެ ފަހުން ވަނީ ބޯޓާ ގުޅުން ކެނޑިފަ އެވެ. ތަހުގީގު ޓީމުން ބުނެފައި ވަނީ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. ވެއްޓުނު ބޯޓުގެ މައިގަނޑު އަދި ފެނިފައެއް ނުވެ އެވެ.

އިންޑޮނީޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ޑެޕިއުޓީ ހަރިޔޯ ސަޓްމިކޯ ވިދާޅުވީ ކޮކްޕިޓް ވޮއިސް ރެކޯޑާ (ސީވީއާރް) ފެނިފައިވާ ކަމަށާއި އެކަމަކު ފެނުނު ހިސާބެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން އަގުން ނުގްރޮހޯ ވިދާޅުވީ ރެކޯޑަރު ފެނިފައި ވަނީ ކަނޑުގެ އަޑީގެ ކިސަޑު ފަށަލައެއްގެ 26 ފޫޓު އަޑިން ކަމަށެވެ. އަދި ރެކޯޑަރު ސިގްނަލް ލިބުން ދަށްވީ ކިސަޑުގަނޑެއްގެ ތެރޭގައި އޮތުމުން ކަމަށް ވިދާޅުވި އެވެ.

ބޯޓުގެ ފުރަތަމަ ކަޅުފޮށި، ފްލައިޓް ޑޭޓާ ރެކޯޑަރު ވަނީ މިދިޔަ ނޮވެމްބަރު މަހު ޖަވާ ކަނޑުން ހޯދައިފަ އެވެ. އޮފިޝަލުން އޭރު ބުނެފައި ވަނީ ކަޅުފޮށީގައިވާ ޑޭޓާ އެނަލައިޒް ކުރަން ހަ މަސް ދުވަސްވަރު ހޭދަވާނެ ކަމަށެވެ.