16 ޖެނުއަރީ 2019 - 11:03

ލަންޑަން (ޖެނުއަރީ 16) – ރެއާލް މެޑްރިޑުން ގެންދަން މަސައްކަތްކުރާ ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް ވިއްކާލަން އެ ކްލަބުން 112 މިލިއަން ޔޫރޯގެ އަގެއް ކަނޑައަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ މިދިޔަ ސީޒަނުގައި ވެސް ހުރީ ދެންމެ ދެންމެ ކްލަބް ބަދަލުކުރުމާ ގާތުގަ އެވެ. އޭނާ ވަނީ ކެރިއަރުގައި ފަހުން ހިތާމަކުރަން ޖެހޭނެ ފަދަ ކަމެއް ވާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެ އިޝާރާތްކުރީ ރެއާލް މެޑްރިޑުން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފިއްޖެ ނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ ޖެހުމަށް ކަމަށް ބެލެވެ އެވެ.
އެ ހުރިހާ ކަމަކާ އެކު، ޗެލްސީން މިހާރު ނިންމާފައިވަނީ އެ ކްލަބުން ކިޔާ އަގަށް ރެއާލް މެޑްރިޑުން އެއްބަސްވެއްޖެ ނަމަ ވިއްކާލަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އަހަރެންގެ ކުރިމަގު؟ ސީޒަން ނިމުމުން އެކަން އެނގޭނީ. މިވަގުތު އަހަރެން ފޯކަސްކޮށްގެން މިހިރީ ރަނގަޅު ކުޅުމެއް ދައްކަން،" ހަޒާޑް ބުންޏެވެ.
ޗެލްސީއާ 2012 ވަނަ އަހަރު ގުޅުނު ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕާއި ޔުރޮޕާ ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޔޫރަޕުގެ ބޮޑެތި ކާމިޔާބީތައް ހޯދުމަށާއި އަމިއްލަ ކާމިޔާބީތައް ހާސިލްކުރަން ބޭނުން ނަމަ މެޑްރިޑަށް ބަދަލުވާން ޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.