ވައުދު ފުއްދުން އަވަސްކުރަން ސޮފްޓްވެއާ ޑިވެލޮޕަރުން ހޯދަނީ
ވައުދު ފުއްދުން އަވަސްކުރަން ސޮފްޓްވެއާ ޑިވެލޮޕަރުން ހޯދަނީ

ބައެއް ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭގޮތް ހަމަޖެއްސުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް އިތުރު ސޮފްޓްވެއާ ޑިވެލޮޕަރުން ހޯދަން އިއުލާން ކޮށްފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އެދެވޭގޮތަށް ބަދަލުކުރަން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހި ކަމަށް އެދުމާއި ކައުންސިލްތަކުން ދޭ ހިދުމަތް ހިމެނެ އެވެ.

އެންސީއައިޓީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިިވަނީ ހަތަރު ޑިވެލޮޕަރުން ބޭނުންވާ ކަމަށެވެ. މީހެއްގެ މުސާރަކަމަށް ބުނެފައިވަނީ މަހަކު 20،000ރ. އެވެ. އެ ވަޒީފާ އަށް މީހުން ހޯދަނީ އެއް އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހު 24 ގެ ކުރިން ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި ސަރުކާރުން ކޮމިއުނިކޭޝަން، ސައިންސް، ޓެކްނޮލޮޖީގެ ދާއިރާ އަށް ހާއްސަ މިނިސްޓްރީއެއް ވަނީ އުފައްދައިފަ އެވެ. އަދި އައިޓީ ދާއިރާއިން ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ.