"ޕަތީ ޕަތުނީ އޯރް ވޯ"ގެ ޓީމަށް ތާޕްސީގެ ނުރުހުން
"ޕަތީ ޕަތުނީ އޯރް ވޯ"ގެ ޓީމަށް ތާޕްސީގެ ނުރުހުން

ކުރީގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކުން ތާޕްސީ ޕައްނޫ އަށް ދިން ރޯލް އެހެން ބަތަލާއަކަށް ދިން މައްސަލައާ ގުޅިގެން އޭނާ ހިތްހަނުޖެހުން ފާޅުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސްކޮށް، މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ ފިލްމަށް މިހާރު ނަގާފައި ތަރިންނަކީ ކާތިކް އާރިޔަން އާއި އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

ދެ ބަތަލާއިން ހިމެނޭ ފިލްމުން އަނަންޔާ އަށް ހުށަހަޅާފައި ވަނީ އޮރިޖިނަލް ފިލްމުގައި ރަންޖީތާ ކޯރް ކުޅުނު ރޯލެވެ. މީޑިއާތަކުން ބުނިގޮތުގައި ތާޕްސީ އަށް ވެސް "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޓީމުން ހުށަހެޅީ ރަންޖީތާގެ ރޯލެވެ.

އަދި އެ ރޯލަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ އެއްބަސްވެފައި ވެސް ވަނިކޮށް ރޯލް އެހެން ބަތަލާއަކަށް ދިންކަން އެނގުނީ ވެސް މީޑިއާތަކުން ކަމަށް ތާޕްސީ ބުންޏެވެ.

މުމްބާއީ މިރާ އަށް އޭނާ ބުނި ގޮތުގައި "ޕަތީ ޕަތުނީ އޯރް ވޯ" އިން ދިން ރޯލް އެހެން ބަތަލާއަކު ނެގި ވާހަކައަކީ ބޮޑު ޝޮކެކެވެ.

"އަހަންނަކަށް ވާނުވާއެއް ވެސް ނޭނގޭ. ފިލްމުގެ ސްކްރިޕްޓް ނޮވެމްބަރު އަހަންނަށް ނެރޭޓްކޮށް ދިނީމަ ހުށަހެޅި ކެރެކްޓާ ކުޅެން އޮންނާނީ އެއްބަސްވެފައި. އަހަރެން ގަބޫލުކޮށްގެން ހުރީ އަހަންނަކީ ފުރަތަމަ ޗޮއިސް ވެސް ކަމަށް،" ތާޕްސީ ބުންޏެވެ. "އެކަމަކު އެ ރޯލް އެހެން ބަތަލާއަކަށް ދިން ސަބަބެއް އަދި އެއީ ކީއްވެގެން ކުރި ކަމެއްތޯ އަހަންނަކަށް ސާފުކޮށެއް ވެސް ނުދޭ. ވަރަށް ބޮޑު ޝޮކެއް މިއީ."

އޭނާ ބުނީ ޑައިރެކްޓަރު މުދައްސަރުގެ އެ އަމަލަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް ކަމަށާއި ޑައިރެކްޓަރުގެ ފަރާތުން އޭނާ އަށް ގަބޫލު ކުރެވޭ ސަބަބެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ތާޕްސީ ފިލްމަށް ނުނެގީ އަގުބޮޑުވެގެން ކަމަށް ބުނާ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"ފުރަތަމަ ކަމަކަށް މިހާތަނަކަށް ނެތް އަގުގެ ވާހަކައެއް ދެކެވިފައެއް ވެސް. އެހެންވީމާ އަހަރެން ކީ އަގު ބޮޑުވެގެން ފިލްމު ނުދޭން ނިންމި ކަމަށްވާ ނަމަ އެއީ ހަގީގަތާ ހިލާފު ވާހަކައެއް،" ތާޕްސީ ބުންޏެވެ.

އޭނާ ބުނީ "ޕަތީ ޕަތުނީ އޯރު ވޯ" އިން ކުރަން މި ޖެހުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށާއި މިއީ ދެން ފިލްމަކަށް ސޮއި ކުރާ އިރު އިތުރަށް ވިސްނަން ލޯ ހުޅުވައި ދިން ކަމެއް ކަމަށެވެ.

"ވަރަށް ވިސްނާނަން ދެން ފިލްމަކަށް އެއްބަސްވާ އިރު. އަހަރެން އަދި ބޭނުމެއް ވެސް ނޫން މި ކަހަލަ ކަމެއް އެހެން ބަތަލާއަކަށް ދިމާވާކަށް،" އަންނަ މާޗް 8 ގައި ރިލީޒް ކުރާ "ބަދުލާ" ގެ ބަތަލާ ބުންޏެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކްގެ ޝޫޓިން އަންނަ މަހު ފަށަން ނިންމާފައިވާ އިރު، އޮރިޖިނަލް ފިލްމުގައި ވިދިޔާ ސިންހާ ކުޅުނު ކެރެކްޓާ ކުޅޭނެ ބަތަލާއަކު މިހާރު އަންނަނީ ހޯދަމުންނެވެ.

ބަލްދޭވް ރާޖް ޗޯޕްޅާ 1978 ގައި ޑައިރެކްޓް ކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގައި ލީޑް ރީލް ކުޅުނީ ސަންޖީވް ކުމާރާއި ރަންޖީތާ އާއި ވިދިޔާ އެވެ. މި ފިލްމުގައި ކިޔައި ދެނީ ކައިވެނިން ބޭރުގައި ފިރިއަކު އޭނާގެ އޮފީސް ސެކްރެޓަރީއާ އެކު ބާއްވާ ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ.