މީހުން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހަނީ
މީހުން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހަނީ

ފޭސްބުކްގެ މޯބައިލް ފޯން އެޕްލިކޭޝަން އަޅާފައި ހުންނަ ފޯނުތައް މެދުވެރިކޮށް، މީހުން ދައްކާ ވާހަކަތައް ކޮންމެ ވަގުތެއްގައި ވެސް އަޑުއެހިދާނެ ކަމަށް ތަޖުރިބާކާރަކު ވަނީ މީގެ ކުރިން އިންޒާރު ދެއްވައިފަ އެވެ. މާސް ކޮމިއުނިކޭޝަން ޕްރޮފެސަރެއް ކަމަށްވާ ކެލީ ބާންސް ވިދާޅުވެފައިވާ ގޮތުގައި ފޭސްބުކް އެޕްލިކޭޝަނަކީ ފޯނުގެ މައިކަށް ކޮންމެ އިރަކު ވެސް އެކްސެސް ވެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. އެމަކަށް ފޭސްބުކުން ވެސް އެއްބަސްވެ އެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކުން ބުނެފައި ވަނީ އެޕްލިކޭޝަނުން މީހުންގެ ވާހަކަތައް އަޑުއަހާ ކަމަށާއި އެކަމަކު އެއީ ބަދަލުވަމުންދާ ހާލަތު ބަލައި، ފޭސްބުކް ބޭނުންކުރާ މީހުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުމަށް ކަމަށެވެ.

ފޭސްބުކް އެޕްލިކޭޝަންގެ މި ފީޗާ ބޭނުންކުރާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށްވެ އެވެ. އެކަމަކު މިކަން ސަމާލުކަމަށް އައިސްފައި ވަނީ ޕްރޮފެސަރު ބާންސްގެ އިންޒާރާ އެކު މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ބާންސް ވިދާޅުވެފައި ވަނީ މީހުންގެ ވާހަކަތައް ފޭސްބުކުން އަޑުއަހަނީ މީހުންގެ ބޭނުންތަކާ އެއްގޮތަށް ފޭސްބުކަށް ބަދަލުތައް ގެންނަން ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ފޭސްބުކްގައި އިސްތިހާރުކޮށްގެން ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކަށް ވެސް މި ފީޗާގެ ބޭނުން ހިފިދާނެ ކަމަށެވެ.

ފޭސްބުކް އެޕްލިކޭޝަން ތެރެއިން އަޑު އެހޭ ގޮތަށް ހުރި ނަމަވެސް އަޑު އަހަމުންދާ ކަމެއް ނޭނގެ އެވެ. ނަމަވެސް މީގެ ކުރިން ބައެއް މީހުން ކޮށްފައިވާ ތުހުމަތުތަކާ މި ވާހަކަޔާ ގުޅުވެ އެވެ. ބައެއް މީހުން ފޯރަމްތަކުގައި ބުނެފައިވާ ގޮތުގައި އެ މީހުން ދައްކާ ވާހަކަތަކާ ގުޅޭ އެއްޗެހި ފޭސްބުކްގެ އިސްތިހާރުގެ ގޮތުގައި އެ މީހުންނަށް ފެންނަ މިންވަރު ގިނަ އެވެ. މިއީ ހަގީގަތެއް ކަމެއް ނޭނގެ އެވެ. މިއީ ތެދު ވާހަކައެއް ނަމަ، މީހުން ދައްކާ ވާހަކަ އަޑު އެހުމަށް ފަހު އެ މީހަކަށް އަމާޒުކޮށް ފޭސްބުކުން އިސްތިހާރުތައް ފޮނުވަނީ ކަމަށް ބެލެވިދާނެ އެވެ.

ފޭސްބުކުން ބުނެފައި ވަނީ "އޯޑިއޯ" އަޑު އަހައި، ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ވެސް ރައްކާކުރާ ކަމަށެވެ. އެކަމަކު ފޭސްބުކް އެޕްލިކޭޝަން މެދުވެރިކޮށް، އެ ފޯނު ގެންގުޅޭ ހިސާބެއްގެ އަޑުތައް އެހުމަކީ ކުރާ ކަމެެއް ނޫން ކަމަށް ބުނެފައިވެ އެވެ.

"ފޯނުގެ މައިކްރޮފޯނުން ލިބޭ އަޑުތައް، ފޭސްބުކްގައި އިސްތިހާރު ކުރުމުގައި ބޭނުމެއް ނުކުރާނެ،" ފޭސްބުކްގެ ތަރުޖަމާނަކު އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ މި ފީޗާ ބޭނުންކުރަނީ އެމެރިކާގައި އެކަނި ކަމަށެވެ.

މީގެ ކުރިން ވެސް، ފޭސްބުކުރުން މީހުންގެ ވާހަކަތައް އަޑުއަހާ ކަމަށް ބޮޑެތި ތުހުމަތުތައް ކޮށްފައިވެ އެވެ. އެއިން އެއްވެސް ފަހަރަކު "އެއްވެސް ގޮތަކަށް އަޑު ނާހާ" ކަމަށް ފޭސްބުކުން ބުނެފައެއް ނުވެ އެވެ.

ފޭސްބުކް އެޕްލިކޭޝަނުން ފޯނުގެ މައިކްރޮފޯން ބޭނުން ނުކުރެވޭ ގޮތް ހަދަން ބޭނުން ނަމަ، އައިފޯނަކުން ނަމަ އެޕް ސެޓިން އަށް ގޮސް ޕްރައިވެސީ ސެޓިން ނަގައި މައިކްރޮފޯން އޯފްކޮށްލެވޭނެ އެވެ. އަދި އެންޑްރޮއިޑްގައި ނަމަ ސެޓިން އަށް ގޮސް ޕްރައިވެސީ ސެޓިން އިން ފޭސްބުކް އެޕްލިކޭޝަންގެ ޕާމިޝަން އިން މައިކް އޯފްކޮށްލެވޭނެ އެވެ.