ސަލްމާން ހާނާ އެކު ފިލްމެއް ކުޅެން ކަންގަނާ ރަނާވަތު ބޭނުން
ސަލްމާން ހާނާ އެކު ފިލްމެއް ކުޅެން ކަންގަނާ ރަނާވަތު ބޭނުން

ކަންގަނާ ރަނާވަތު މީގެ ކުރިން ބުނެފައިވާ ގޮތުގައި މާ މޮޅު މީހަކަށްވާން ކޮންމެހެން ބޮލީވުޑްގެ ވަރުގަދަ ހާނަކާ އެކު ފިލްމެއް ކުޅެން އޭނާ އަށް މުހިއްމެއް ނޫނެވެ. އަދި އާމިރު ހާނާއި ސަލްމާން ހާނާއި ޝާހްރުކް ހާން ފަދަ އެކްޓަރަކާ އެކު ފިލްމެއް ކުޅެން ދުވަހެއްގެ ކޮޅުން ވެސް އެއްބަސްވާނީ އެ މީހުންނާ އެއްވަރުގެ ރޯލެއް ފިލްމަކުން ލިބުނު ދުވަހަކުން ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

ސަލްމާން ހާނާ އެކު ފިލްމެއް ކުޅެން ކަންގަނާ ރަނާވަތު ބޭނުން
ސަލްމާން ހާނާ އެކު ފިލްމެއް ކުޅެން ކަންގަނާ ރަނާވަތު ބޭނުން

އޭނާ ވަނީ ސަލްމާން 2015 ގައި ކުޅުނު "ސުލްތާން" އިން ލިބުނު ފުރުސަތު ވެސް ދޫކޮށްލައިފަ އެވެ. އެ ފިލްމު ސަލްމާނާ އެކު ކުޅުނީ އަނުޝްކާ ޝަރުމާ އެވެ. އެކަމަކު އެއީ އެހާ ބޮޑު ރޯލެއް ނޫނެވެ.

މި މަހުގެ 25 ގައި ރިލީޒް ކުރާ ކަންގަނާގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކަންގަނާ، 31، ބުނީ ސަލްމާން، 53، އާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ބޭނުންވާ ކަމަށެވެ. އަދި އެއީ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ވެސް ބުންޏެވެ.

"ސަލްމާނާ އެކު މަސައްކަތްކޮށްލަން ބޭނުން. އެކަހަލަ ދުވަހަކަށް އިންތިޒާރު ވެސް ކުރަން. މައްސަލައެއް ނެތް އެއީ ސަލްމާނާ އެކު ބަތަލާގެ ރޯލް ކުޅޭ ފިލްމަކަށް ވިޔަސް ނޫނީ، އަހަރެން ސަލްމާން ހިމަނައިގެން ޑައިރެކްޓް ކުރާ ފިލްމެއް ކަމަށް ވިޔަސް،" މަނިކަރްނިކާ އިން ރަސްމީކޮށް ޑައިރެކްޓަރެއްގެ ގޮތުގައި ނުކުތް ބަތަލާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި ވަކި ސްޓާރަކު ފިލްމުގައި އުޅޭތީ އޭނާ އެ ފިލްމަކަށް ސޮއެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އަބަދު ވެސް ބަލާނީ ސްކްރިޕްޓަށާއި ކުޅެން ލިބޭ ކެރެކްޓާގެ ވަރުގަދަ ކަމަށް ކަމަށް ތިން ފަހަރު ނެޝަނަލް އެވޯޑް ވެސް ހޯދި ބަތަލާ ބުންޏެވެ.

"މަނިކަރުނިކާ" ގެ އިތުރުން މި އަހަރު ކަންގަނާގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒް ކުރާނެ އެވެ. އެއީ "މެންޓަލް ހޭ ކިޔާ" އާއި "ޕަންގާ" އެވެ.