22 އޯގަސްޓް 2016 - 15:58

މާލޭގެ އިމާރާތެއްގެ 10 ވަނަ ބުރިން ވެއްޓި އުމުރުން 83 އަހަރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތެއްގެ މަތިން ވެއްޓިގެން މަރުވީ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 2:50 ހާއިރު އެމީހާ ވެއްޓުނީ މ. ރަންބުސްތާނުގޭގެ 10 ވަނަ ބުރިން ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޑޮކްޓަރުންނާ ހަވާލާ ދެއްވައި ވިދާޅުވީ، މަރުވި މީހާގެ ބޯ ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރުވީ ފުވައްމުލަކު ފުސްތުޅާގެ، މޫސާ ހަސަން އެވެ.
އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ބޭސްފަރުވާ އަށް ރަށުން މާލެ އައިސް އުޅުނު މޫސަ ވެއްޓުނީ ކޮޓަރިން ބޭރަށް ވައިގޮޅި އަށް ވާ ގޮތަށް ހުޅުވޭ ކުޑަދޮރަކުންނެވެ. އޭނާ ވެއްޓިފައި އޮތް ތަން ފެނުނީ ޖެހިގެން ހުރި ހަދަމުންދާ އިމާރާތުގައި މަސައްކަތް ކުރަން ތިބި ބޭރު ބަޔަކަށް ކަމަށް އާއިލާ މީހާ ބުންޏެވެ.
"ވެއްޓުނު ސަބަބެއް، ވީ ކިހިނެއް ކަމެއް ނޭނގޭ. ސިކުނޑީގައި މައްސަލައެއް އުޅޭ ކަމެއް ވެސް ފާހަގަކުރެވިފައެއް ނެތް،" އެ މީހާ ބުންޏެވެ.
މޫސަގެ ޖަނާޒާ އާސަހަރާ މިސްކިތުގައި މިރޭ 11:00 ގައި އޮންނާނެ އެވެ.