ޕަދްމިނީ ކޯލަޕޫރީގެ ދަރިފުޅު ޕްރިޔާންކް ޝަރްމާ ވެސް ބޮލީވުޑަށް
ޕަދްމިނީ ކޯލަޕޫރީގެ ދަރިފުޅު ޕްރިޔާންކް ޝަރްމާ ވެސް ބޮލީވުޑަށް

ބޮލީވުޑަށް ތައާރަފުވާ ތަރިންގެ ދަރިންގެ ލިސްޓަށް އަނެއްކާ ވެސް އާ ފަންނާނަކު އިތުރުވެއްޖެ އެވެ. ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕަދްމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންޝް ޝަރުމާ މިހާރު އަންނަނީ އޭނާގެ އަލަތު ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.

ޕަދްމިނީއަކީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާ ކަޕޫރްގެ ބޮޑުދައިތަ އެވެ.

މުމްބާއީ މިރާ އިން ބުނި ގޮތުގައި ޕްރިޔާންކްގެ ފުރަތަމަ ފިލްމުގެ ނަމަކީ "ސަބް ކުޝަލް މަންގަލް" ކިޔާ ކޮމެޑީއެކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ކަރަން ކޭޝަޕް ލިޔެ، ޑައިރެކްޓް ކުރާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާ އިރު، މީގެ މުހިއްމު ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެނިގެން ދާނެ އެވެ.

ކަރަން މީގެ ކުރިން ވަނީ މަނީ ރަތުނަމްއާ އެކު "ރާވަން" އާއި އަމިތު ޝިމިންއާ އެކު "ޗަކްދޭ އިންޑިއާ" އަދި ޝާދް އަލީއާ އެކު "ބަންޓީ އޯރް ބަބްލީ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޕަދްމިނީ ބުނީ ދަރިފުޅު ބޮލީވުޑަށް ނުކުތުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އެކަމަކު އެއީ އާއިލީ އެއްވެސް ޕްރެޝަރެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ޕްރިޔާންކް އަބަދު ވެސް ބޭނުންވީ އެކްޓަރަކަށް ވާން ކަމަށް އަޝުތޯޝް ގޮވަރިކާ މިހާރު ޝޫޓް ކުރަމުން އަންނަ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ކާސްޓްގައި ވެސް ހިމެނޭ ޕަދްމިނީ ބުންޏެވެ.

ޕްރިޔާންކް ވަނީ ނިއު ޔޯކްގެ ދަ ލީ ސްޓްރަސްބާގް އިންސްޓިޓިއުޓުން އެއް އަހަރު ދުވަހުގެ އެކްޓިން ކޯހެއް ވެސް ހަދައިފަ އެވެ. އޭނާ ބޮލީވުޑް ދަތުރު ފަށާ "ސަބް ކުޝަލް މަންގަލް" މި އަހަރު ރިލީޒް ކުރާނެ ކަމެއް އަދި ކަށަވަރެއް ނޫނެވެ.