ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މާޗް މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި ކްރިތީ ސެނަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ލަކްޝަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ލުއްކާ ޗުއްޕީ" ގައި ކިޔައި ދޭނީ ޒުވާން ޓީވީ ރިޕޯޓަރަކާއި ވަރަށް ގޮތުގައި ހުންނަ ޒުވާން އަންހެނެއްގެ ލޯބީގެ ވާހަކައެކެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޕަރްޝަކްތީ ކުރާނާ އާއި ޕަންކަޖް ތުރިޕަތީ އަދި ވިނޭ ޕަތަކު ހިމެނެ އެވެ.

"ލުއްކާ ޗުއްޕީ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ ކޮމެޑީ "އިސްތިރީ" އަށް ފަހު، ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމުސް އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ފިލްމަށް އިންތިޒާރު ކުރެވޭ އެއް ސަބަބަކީ ކާތިކާއި ކްރިތީގެ ޖޯޑު ވެސް އަލަށް ސްކްރީނުން ބަލައިލަން ލިބޭތީ އެވެ.

ކާތިކްއަކީ މިދިޔަ އަހަރުގެ އެންމެ ހައިރާން ކުރުވަނިވި ހިޓް ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ އަދި މިހާރު އެންމެ ޑިމާންޑް ބޮޑު އއް ބަތަލެވެ.

ޓައިގާ ޝްރޮފްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒް "ބާގީ" ގެ ތިން ވަނަ ބައިގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

މި ފިލްމަކީ އަންނަ އަހަރުގެ މާޗް 6 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ. "ބާގީ 3" ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު މި ފިލްމުގެ މަންޒަރުތެއް މެދުއިރުމަތީގައި ނަގާނެ އެވެ. ތިން ވަނަ ބައި ވެސް ޑައިރެކްޓް ކުރާ މިދިޔަ އަހަރު ރިލީޒްކޮށް 100 ކްރޯޑް ކުލަބުން ޖާގަ ވެސް ހޯދި "ބާގީ 2" ޑައިރެކްޓް ކުރި މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ހާނެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ "ބާގީ 3" ގެ ބަތަލާއަކީ ކާކު ކަމެއް އަދ ނޭނގެ އެވެ. ދެވަނަ ބައިގައި ޓައިގާއާ އެކު ލީޑް ރޯލް ކުޅުނީ އޭނާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ. ސައްބީރު ހާން ޑައިރެކްޓް ކުރި "ބާގީ" ގެ ފުރަތަމަ ބައިގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ.

"ބާގީ" ސީރީޒްގެ ފުރަތަމަ ދެ ފިލްމު އިންޑިއާގެ ސައުތުގެ ދެ ފިލްމެއްގެ ވާހަތަކަށް ބިނާކޮށް ގެނެސް ދިން ނަމަވެސް، ތިން ވަނަ ބައި ހަދާނީ އޮރިޖިނަލް ސްކްރީންޕްލޭއަކަށެވެ. މި ފަހަރު ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ "ސިންގަމް" އާއި "ޗެންނައި އެކްސްޕްރެސް" ފަދަ ފިލްމުތައް ލިޔުނު ސާޖިދު-ފަރުހާދެވެ.

މި އަހަރު ރިލީޒް ވާނެ ޓައިގާގެ ފުރަތަމަ ފިލްމަކީ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

މީގެ ދެ އަހަރު ކުރިން ފުރަތަމަ ކައިވެނި ރޫޅުނު އިންޑިއާގެ ސްޕަސްޓާ ރަޖްނީކާންތުގެ ހަގު އަންހެން ދަރިފުޅު އަދި ޑައިރެކްޓަރު ސައުންދަރިއާ ރަޖްނީކާންތު ދެވަނަ ކައިވެންޏަކަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާމަސޫޓިކަލް ކުންފުންޏެއް ހިންގާ ވިޔަފާވެރިޔާ ވިޝަގަން ވަނަގަމުޑީ އާއި ސައުންދަރިއާ ކައިވެނި ކުރާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޭގެ ދެ ދުވަސް ކުރިން ކައިވެނީގެ ހަރަކާތްތައް ފަށާނެ އެވެ.

މިދިޔަ އަހަތު ކާޖޮލް ކުޅުނު ތަމަޅަ ފިލްމު "ވީއައިޕީ 2" ގެ ޑައިރެކްޓަރު ސައުންދަރިއާ، 34، ކުރިން ކައިވެނިކޮށްގެން އުޅުނު އަޝްވިން ރާމްކުމާރުގެ ކައިވެނި 7 އަހަރު ފަހުން ރޫޅުނީ 2017 ގަ އެވެ.

ރަޖްނީކާންތުގެ ދޮށީ އަންހެން ދަރިފުޅު އައިޝްވާރިޔާ ރަޖްނީކާންތު ކައިވެނިކޮށްގެން އުޅެނީ އެކްޓަރު ދަނޫޝް (ކޮލަވަރީ ޑީ) އާ އެވެ.

ޖޯން އަބްރަހަމް ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެންދާ ފިލްމު ސްޕައި ތުރިލާ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ޕޯސްޓަރުގައި ޖޯން ފެންނަނީ ތަންކޮޅެއް ރެޓްރޯ ސްޓައިލެއްގަ އެވެ. އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ރޯ" ގެ ބަތަލާއަކީ މޯނީ ރޯއި އެވެ.

ނަވާރަ ސަތޭރަ ހަތްދިހައިގެ އަހަރުތަކުގައި ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ފިލްމުގެ ޑައިރެކްޓަރަކީ ރޮބީ ގެރެވާލް އެވެ. "ރޯ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ސިކަންދަރު ކޭރް އަދި ސުޗިތުރާ ކްރިޝްނަމުރްތީ ހިމެނެ އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ބޮމަން އިރާނީ ވެސް އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދައިފި އެވެ.

ބުރާސްފަތި ދުވަހު ލޯންޗް ކުރި ކުންފުނީގެ ނަމަކީ އިރާނީ މޫވީޓޯން އެވެ. ކުންފުނި ލޯންޗްކޮށް ދިނީ އެކްޓަރު އަމީތާބް ބައްޗަން އެވެ.

އަންނަ މަހު ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ގެ ރޯލަކުން ވެސް ފެނިގެންދާ ބޮމަން ބުނި ގޮތުގައި އޭނާގެ ފިލްމު ކުންފުނިން ކުރިއަށް އޮތް ތަނުގައި ބެލުންތެރިން ގަޔާވާ ކަހަލަ ރީތި ފިލްމުތަކެއް ގެނެސް ދޭނެ އެވެ. މީގެ އިތުރުން ފިލްމީ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރޭނިން ވޯކްޝޮޕްތަކެއް ވެސް އިރާނީ މޫވީޓޯން އިން ކުރިއަށް ގެންދާނެ އެވެ.

އެގޮތުން މިހާރު ފަށާފައިވާ ފުރަތަމަ ވޯކްޝޮޕް ކުރިއަށް ދަނީ "އޮން ޔޯ ފީޓް" އާއި "ދަ ބޮޑީގާޑް" ފަދަ މިއުޒިކަލް ޕްލޭތައް ލިޔުނު އެމެރިކާގެ ލިޔުންތެރިޔާ އެލެގްޒެންޑާ ޑިނެލެރިސްއާ އެކީގަ އެވެ.