24 ޖެނުއަރީ 2019 - 14:47

ރައީސް؛ ގާސިމް ހުންނަވާނީ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި. ޖުމްހޫރީ ޕާޓީ މި ކޯލިޝަނުން ވަކިވެގެނެއް ނުދާނެ. އަނެއްކާ ޕީޕީއެމްއާ ގާސިމް ކޯލިޝަން ހަދާތަނެއް އަޅުގަނޑަކަށް ނުފެނޭ.
ރައީސް: އަޅުގަނޑު ދެކެން ބޭނުން ކޯލިޝަންގެ ހަތަރު ޕާޓީގެ ވެސް މެމްބަރުން ތިބެން. އެކަމަކު ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެވޭ ގޮތަށް މަޖިލީހުން ފާސްކުރިއަސް އަޅުގަނޑު ތަސްދީގެއް ނުކުރާނަން.
ރައީސް: ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތައް ފެށިގެންދާނެ. އެކަމަކު ކުރިން ފަށައިފައިވާ ބައެއް މަޝްރޫއުތައް އެބަ ބަދަލުތައް ގެންނަން ޖެހޭ. މިސާލަކަށް އެމްއޭސީއެލްގައި ހިނގަމުންދާ ޓާމިނަލް މަޝްރޫއު. އޭގެ ތަނބުތައް ޖަހާ ނިމުނު އިރު އޭގެ ކުރެހުމެއް ނެތް. ދެން އަޅުގަނޑުމެން އަޑުއެހިން އެތާނގެ ޓާމިނަލް އަހަރަކު ހަތް މިލިއަނަށް އަމާޒުކޮށޭ ހަދަނީ. އެކަމަކު އަޅުގަނޑުމެން ބެލިބެލުމުން 3.5 މިލިއަން މީހުންނަށް ހިދުމަތް ދެވެނީ.
ރައީސް؛ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަންތައް. އެކަން މިހާރު ވެސް އެބަ ކުރިޔަށްދޭ. ޝަރުއީ ދާއިރާ އިސްލާހު ނުކޮށް އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެ.
ރައީސް؛ ހުރިހާ ގައުމަކާ ވެސް ކުރިއަށް ވުރެ ބޮޑަށް ގުޅުން ރަނގަޅުވެއްޖެ. ގަތަރާއި އީރާނާއި އަދި ކޮމަންވެލްތާ އެކު ވެސް އޮތް ގުޅުން އަލުން އިއާދަކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ފޮރިން މިނިސްޓްރީން އެބަ ކުރައްވާ.
ރައީސް: މި ސަރުކާރު ވައްޓާލަން ކޯލިޝަންގެ ތެރެއިން އެއްވެސް މަސައްކަތެއް އެއްވެސް ބޭފުޅަކު ނުކުރޭ، އަދި ނުވެސް ކުރައްވާނެ.
ރައީސް: އިންތިގާލީ އަދާލަތު ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ އެޖެންޑާގައި އެބައޮތް. އެހެންވެ، އަދީބުގެ މައްސަލަ އަޅުގަނޑާ ހަމައަށް ވެސް އެބަ އާދޭ. މިހާތަނަށް ބެލިބެލުމުގައި ހޯމް މިނިސްޓްރީން ވެސް އަދި ކަރެކްޝަނުން ވެސް އަމަލުކޮށްފައިވަނީ ގާނޫނުތަކުގެ ތެރެއިން ރަނގަޅަށް.
ރައީސް: 100 ދުވަހުގެ އެޖެންޑާގެ ތެރެއިން 56 ކަމެއް މިހާރު މި ވަނީ ފުއްދިފައި. އެއީ ރަނގަޅު އަދަދެއް.
ރައީސް: ހުރިހާ ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން އަޅުގަނޑު މިއަދު މަޝްވަރާ ކޮށްފިން.
ރައީސް: ރައީސް ނަޝީދާއި ގާސިމާ ދޭތެރޭ މިއުޅެނީ ހިޔާލު ތަފާތުވުމެއް. އަޅުގަނޑު ދުވާލަކު ދެތިން ފަހަރަކު އެބަ ވާހަކަ ދައްކަން. މައްސަލައެއް ނުފެނޭ. އެކަމަކު މަޖިލީހުގެ އިންތިހާބުގައި ކުރިއަށް ދާނެ ގޮތުގެ އެއްބަސްވުމެއް ނެތީމަ ކޮންމެ ބޭފުޅަކު ވެސް ކުރިއަށް ވަޑައިގަންނަވަނީ. އަޅުގަނޑު މި ދަންނަވަނީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އޮތުމޭ މުހިންމީ
ރައީސް: ކޯލިޝަނެއް ދެމިއޮންނާނެ ގޮތާއި ކޯލިޝަނެއް ބައްޓަން ކުރެވޭނެ ގޮތް އެކުލަވާލުން ލެޖިސްޓޭވިވް ކަންކަމުގެ ތެރޭގައި ކުރިއަށް ދާނެ. ކޯލިޝަން އެކުލަވާލީ ވެސް ހިޔާލު ތަފާތުވުންތައް ހުންނާނެކަން އެނގިގެން އަދި އޭގެ ތެރެއިން ކުރިއަށް ދާ ގޮތަށް. އަޅުގަނޑަށް އަދިވެސް ރަނގަޅީ މަޖިލީހުގެ އިންތިހާބުގައި އެކުއެކީ ވާދަކުރުން
ރައީސް: އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ރިޔާސީ އިންތިހާބަށް ފަހު ކުރިއަށްއޮތް ދެ އިންތިހާބަށް ހަތަރު ޕާޓީ އެއްބަސްވާ ލިޔުމެއް ހެދޭތޯ. އެކަމަކު އެކަމެއް ނުވި. އެހެންވެ ވަކިވަކި ޕާޓީތަކުން ލިޔުމެއް ހަދައި ޝެއާ ކުރީ.
ރައީސް: ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުން ކުރަމުންދާ މަސައްކަތް އެއީ ކޯލިޝަން ރޫޅެން ޖެހޭ ސަބަބެއް ނޫން.
ރައީސް: ކޯލިޝަން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އަދި ކޯލިޝަންގެ ހަތަރު ލީޑަރުން އެކަން ދަމަހައްޓަވާނެ ކަމަށް ވެސް އަޅުގަނޑު އުންމީދު ކުރަން. ކޯލިޝަންގެ ތެރޭގައި، ކޯލިޝަން ރޫޅިގެން ދާ ވަރުގެ ކަމެއް ނުހިމެނޭ
ރައީސް: ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގައި އަޅުގަނޑުމެންގެ ހަތަރު ޕާޓީން އެއްބަސްވެފައިވާ ލިޔުމެއް ނޯންނާނެ. އެކަމަކު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ އެކު ވަކިވަކިން އޮންނާނެ
ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށާއި ދީނީ ހަމަނުޖެހުންތަކަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާލުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ "އެއްވެސް ބޭފުޅަކު ހަމަޖެހުން ނަގާލުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން" ކަމަށެވެ.
"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ރާއްޖޭގެ ދީނަކީ ކޮބައިކަން. މެނިފެސްޓޯގައި ވެސް އެބައޮތް އެކަން ވަރަށް ސާފުކޮށް. ގާނޫނުތައް އެބަހުރި. ގާނޫނުތައް ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ. ދީނީ ގޮތުން ހައްދުފަހަނައަޅައިދާ ކަންތައްތަކަށް ވެސް ފުރުސަތެއް ނުދޭނަން. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތަކީ ވެސް އެއީ. އެކަން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން.،" ރައީސް ވިދާޅުވި އެވެ.
އިތުރު ތަފުސީލު އަންނަނީ