ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވާ ގޮތަށް ގަވައިދު އިސްލާހުކޮށްފި
ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވާ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ސިޔާސީ ޕާޓީތަކުން ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކޮށް މިރޭ ގެޒެޓްކޮށްފި އެވެ.

ގަވައިދު އިސްލާހުކޮށްފައި މި ވަނީ ޕީޕީއެމްގެ ބޮޑު ދަރަންޏެއް އޮއްވައި އެ ޕާޓީގެ ލީޑަޝިޕުން އާ ޕާޓީއެއް އުފައްދަން މަސައްކަތްކުރަނިކޮށެވެ.

އިސްލާހުކުރި ގަވައިދުގައިވާ ގޮތުން ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ހޯދާ ހިދުމަތުގެ ނުވަތަ މުދަލުގެ އަގަށް ޝަހުސީ ގޮތުން ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެކަން އެ މީހަކަށް އަންގަންޖެހޭނެ އެވެ. އަދި އެކަމުގެ އިގުރާރުގައި އެ މީހަކު ލައްވައި ސޮއިކުރުވަން ވެސް ޖެހޭނެ އެވެ.

މީގެ އިތުރުން ޕާޓީއެއް އުވާލާ ނަމަ އެ ޕާޓީއެއްގެ ދަރަންޏެއް އޮތްތޯ ބަލައި އެ ދަރަންޏެއް އުފެދުނު އިރު ޕާޓީގެ އިސް މީހަކަށް ހުރި ފަރާތަށް ނުވަތަ ދަރަންޏަށް ޒިންމާވާ ފަރާތަށް، އެ ފައިސާ އަދާކުރުމަށް އެންގުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެ އެވެ.

ގަވައިދަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި، މިހާރު ހިންގާ ޕާޓީތަކުން ވެސް މި ގަވައިދުގައިވާ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ.

އިސްލާހުކުރި ގަވައިދުގައިވާ ގޮތުން، އަލަށް އުފައްދަން ހުއްދަ ދޭ ޕާޓީއަކީ ހިންގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ނުވަތަ އެ ޕާޓީއެއް ހިންގުމުގައި ޒިންމާވާނެ ފަރާތެއް ނެތިގެން ޕާޓީ ހިންގުން ހުއްޓުމަކަށް އަތުވެދާނެ ފަދަ ހާލަތެއްގައި އޮތް ޕާޓީއަކަށް ވެގެން ކަމަށްވާ ނަމަ، އާ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލްކުރެވިދާނެ އެވެ. ހުއްދަ ދިން ފަރާތުން ޕާޓީ އުފައްދަނީ ނުރަނގަޅު ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން، އޮޅުވާލުމުގެ ތެރެއިން ކަމަށްވާ ނަމަ އަދި އެހެން ޕާޓީއެއްގެ ލީޑަޝިޕްގައި މަސައްކަތްކުރާ ފަރާތަކަށް ވެފައި އެހެން ފަރުދެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއްގެ ތެރެއަށް ޕާޓީ ވެއްދުމަށް ފަހުގައި ކަމަށްވާ ނަމަ ވެސް ހުއްދަ ބާތިލް ކުރެވިދާނެ އެވެ.

ޕާޓީއެއް އުފައްދަން އުޅޭއިރު އެކަަމާ ގުޅިގެން އިލެކްޝަންސް އަށް އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އެކަން ބަލައި ނިމެންދެން، ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ ބާރު ވެސް މިހާރު ވަނީ ދީފަ އެވެ.

ޕީޕީއެމްގެ ލީޑަޝިޕުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަންސުން މިއަދު ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް އާ ގަވައިދާ އެކު އެ ޕާޓީ އުފެއްދުމަށް ހުރަސް އެޅޭނެ ކަމަށް ބެލެވެ އެވެ.