އަހަރުތަކަށް ފަހު ގޯލްކީޕަރުންގެ ތަމްރީންތަކަށް އަލިމަގެއް
އަހަރުތަކަށް ފަހު ގޯލްކީޕަރުންގެ ތަމްރީންތަކަށް އަލިމަގެއް

ދިވެހި ފުޓްބޯޅައިގައި އެއް މަގާމަކަށް ބަލާއިރު މިދިޔަ އަހަރުތަކުގައި ދިވެހި ކުޅުންތެރިންނަށް ފުރުސަތު ނުލިބިދިޔަ ދިޔައީ ގޯލްކީޕަރުގެ މަގާމުންނެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ ދިވެހި ކީޕަރުންނަށް ފުރުސަތު ނުދެނީ އެވެ. ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރު ކުރުމުގެ ގޮތުން އެފްއޭއެމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނަމުން އަންނަތާ ދެ އަހަރެއްވަރު ވެއްޖެ އެވެ. އެ ވާހަަކަތައް އަސްލަކަށް ހެދުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަވެގެންދިޔައީ މި ހަފްތާގައި ބޭއްވިގެންދިޔަ އެފްއޭއެމް ގޯލްކީޕަރު ޓްރެއިނިން ކޯހުންނެވެ.

އަހަރުތަކަށް ފަހު ގޯލްކީޕަރުންގެ ތަމްރީންތަކަށް އަލިމަގެއް
އަހަރުތަކަށް ފަހު ގޯލްކީޕަރުންގެ ތަމްރީންތަކަށް އަލިމަގެއް

އެފްއޭއެމުން އެންމެ ފަހުން ގޯލްކީޕަރުން ތަމްރީނުކުރަން މަސައްކަތް ކޮށްފައިވަނީ މީގެ 13 ވަރަކަށް އަހަރު ކުރިންނެވެ. އަލުން އެ މަސައްކަތް ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ މިހާރު ހުރި ޓްރެއިނަރުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނެވެ.

ފަސް ދުވަހުގެ މުއްދަތަށް މިދިޔަ ހަފްތާގައި ކޯސް ކުރިއަށް ގެންދިޔައީ އޭއެފްސީގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމަށްވާ ޖަލާލް ބާޝަރުޒާދުގެ ބެލުމުގެ ދަށުންނެވެ. މި ކޯހުގައި 28 މީހަކު ބައިވެރިވި އެވެ. މީގެ ތެރޭގައި މި ވަގުުތު ކުޅެމުން އަންނަ ގޯލްކީޕަރުންގެ އިތުރުން ޓީމުތަކުގެ މަސައްކަތް ކުރަމުން އަންނަ ގޯލްކީޕަރުން ޓްރެއިނަރުން ވެސް ހިމެނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މި ފަހަރު ބޭއްވުނު ކޯހަކީ ފެށުމެއް ކަމަށާއި މުސްތަގުބަލުގައި މި ކޯހުގައި ބައިވެރިވި ފަރާތްތަކަށް މި އަށް ވުރެން މަތީ ލެވެލްތަކުގެ ކޯސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ފަށައިގަތުމަށް ބޭއްވި ކޯސް. މުސްތަގުބަލުގައި އެފްއޭއެމުން އިސްވެ އޭއެފްސީ ލެވެލްގެ ކޯސްތައް ކުރިއަށްދާނެ. އޭގެ ބައިވެރިވެވޭނީ މި ކޯހުގައި ބައިވެރިވި ފަރާތްތަކަށް،" ޖަވާ ވިދާޅުވި އެވެ.

މި ކޯހުގެ ބައިވެރިންގެ ތެރޭގައި އަންހެން ހަތަރު ކުޅުންތެރިއަކު ވެސް ހިމެނެ އެވެ. އެހެންވެ މި ކޯހުގެ ފައިދާ އަންހެން ޓީމުތަކަށް ވެސް ކުރާނެ އެވެ. މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން މި ކޯހުގައި ބައިވެރިވީ 17 އަހަރު ގައުމީ ޓީމަށް ކުޅެދިނުމަށް ފަހު ރިޓަޔާކުރި އިމްރާން މުހައްމަދުގެ އިތުރުން ހަސަން ތޮލާލް (ޓޮޕްލަކް) އަދި އަބްދުﷲ ޒިޔަޒަން އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް "މިހާރަ"ށް ބުނީ މި ކޯހަކީ ދިވެހި ގޯލްކީޕަރު ޓްރެއިނަރުން އެހެން ލެވެލަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކޯހެއް ކަމަށެވެ. އަދި މިއީ މިދިޔަ 16 ވަރަކަށް އަހަރު އެފްއޭއެމުން ގޯލްކީޕަރު ޓްރެއިނަރުންނަށް އަމާޒުކޮށް ބޭއްވި ފުރަތަމަ ކޯސް ކަމަށް ބުންޏެވެ.

"މިއީ އޭއެފްސީ ލެވެލްގެ ކޯހަކަށް ނުވި ނަމަވެސް މީގެ މި ލިބިގެންދިޔަ މައުލޫމާތުތަކާއި ޓްރެއިނިންތަކަކީ ހަގީގަތުގައި ލެވެލް 1 އަށް ވުރެން ވެސް ރަނގަޅު ފެންވަރު ހުރި ތަމްރީންތަކެއް. ހަގީގަތުގައި މީގެ ސަބަބުން ދިވެހި ކޯޗުންނަށް ގިނަ ފައިދާތަކެއް ކުރާނެ،" އަސްލަމް ބުންޏެވެ.

މި ކޯހުގައި ބައިވެރިވި ފަރާތަކުން "މިހާރަ"ށް ބުނީ މިއީ ދިވެހި ކީޕަރުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކޯހެއް ކަމަށާއި ކީޕަރުން ތަމްރީން ކުރަން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށެވެ.

މި އަހަރުން ފެށިގެން މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުގައި މަސައްކަތްކުރެވޭނީ މި ކޯސް ފުރިހަމަކޮށްފައިތިބި ޓްރެއިނަރުންނަށެވެ. އެގޮތަށް ހަމަޖެއްސީ ދިވެހި ކީޕަރުންނަށް ކޮންމެ ލެވެލެއްގައި ވެސް އެންމެ ފުރިހަމަ ޓްރެއިނިން ލިބޭނެ ގޮތް ހެދުމަށް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ވަނީ އަންނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މި ފަހަރުގެ ސީޒަން ޖޫން މަހު ފަށާއިރު، ސީޒަން ކުރިއަށްދާނީ އަންނަ އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވައިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.