26 ޖެނުއަރީ 2019 - 12:43

އަންކަރާ (ޖެނުއަރީ 26) - ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލަ ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.
ހައްގަކާ ނުލައި މަރާލާ މީހުންނާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އެގްނެސް ކަލަމާޑް ވިދާޅުވީ ނޫސްވެރިޔާގެ މަރުގެ ތަހުގީގަށް އަންނަ ހަފުތާގައި އޭނާ ތުުރުކީ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ކަލަމާޑްއާ އެކު ތަހުގީގުގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ގާނޫނީ ވަކީލް ހެލެނާ ކެނެޑީ އާއި ހައުސް އޮފް ލޯޑްސްގެ މެންބަރު ޑުއާޓް ނޫނޯ ވިއެރާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭނާ އަކީ ޕޯޗުގަލްގެ ކޮއިމްބަރާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޕްރޮފެސަރެކެވެ. އަދި އެއީ ޕެތޮލޮޖީ އާއި ފޮރެންސިކް ސައެންސްގެ ޚާއްސަ ތަޖުރިބާކާރެއް ވެސް މެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލަ އަމިއްލަ އަށް އިސްނަގައިގެން ބެލުމުގެ އިޚްތިޔާރު އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން އެއްވެސް ގައުމަކުން ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދީން ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޝަރީއަތް ފަށާފައިވާ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ އޮކްޓޯބަރު 2 ވަނަ ދުވަހު މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ.