ބޮލީވުޑްގައި ކުރިއަށް ހުރީ އުންމީދީ ފިލްމުތަކެއް
ބޮލީވުޑްގައި ކުރިއަށް ހުރީ އުންމީދީ ފިލްމުތަކެއް

މިއަހަރުގެ މިހާތަނަށް ދިޔައިރު ބޮލީވުޑުން ވަރަށް ގިނަ ފިލްމުތަކެއް ރިލީޒްކޮށްފި އެވެ. ނަމަވެސް ހިންދީ ފިލްމަށް ލޯބިކުރާ ގިނަ މީހުން ބުނަނީ އެމީހުން އުންމީދުކުރި ވަރުގެ ފިލްމުތަކެއް ނާންނަ ކަމަށެވެ. ނަމަވެސް ފިލްމު ބަލާ މީހުން މާޔޫސްވާކަށް ނުޖެހެ އެވެ. މޮޅުވާނެ ކަމަށް ބެލެވޭ ފިލްމުތަކެއް ކުރިއަށް އަދި އެބަހުއްޓެވެ.

މިއަދު ރިލީޒްކުރާ "ފްލައިންޖެޓް" އަކީ ވެސް ވަރަށް ޚާއްސަ ފިލްމެވެ. މަޝްހޫރު ކޯރިއޯގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑީސޫޒާގެ މި ފިލްމުގައި ޓައިގާ ޝްރޮފް ސުޕަހީރޯއެއްގެ ރޯލުން ފެނިގެން ދާނެ އެވެ. ފިލްމުގެ ބަތަލާއަކީ ޖެކްލީން ފެނާންޑިސް އެވެ. މި ފިލްމުގެ ލަވަތައް ވަރަށް ރީއްޗެވެ. އަދި ރޭމޯ މިހާތަނަށް އުފެއްދި ގިނަ ފިލްމުތައް ކާމިޔާބު ވެފައި ވުމުން މި ފިލްމަކީ ވެސް ވަރަށް މޮޅު ފިލްމަކަށް ވާނެކަމަށް އުންމީދު ކުރެވެ އެވެ.

އަންނަ މަހުގެ 2 ގައި "އަކިރާ" ރިލީޒްކުރާނެ އެވެ. މިއީ ސޮނާކްޝީ ސިންހާ އާއި ކޮންކޮނާ ސެން ޝަރުމާ އަދި މިތުން ޗަކުރަބަތީ ލީޑް ރޯލު ކުޅެފއިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އާރް. މުރުގަދޯސް އެވެ.

ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ސިދާރްތު މަލްހޯތުރާ އާއި ކެޓުރީނާ ކައިފްގެ "ބާރް ބާރް ދޭކޯ" އެވެ. ނިތިޔާ މެހެރާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މިހާރުވެސް ވަރަށް މަޝްހޫރެވެ. ޚާއްސަކޮށް "ކާލާ ޗަޝްމާ" އަކީ މިހާރު ވަރަށް ހިނގާ ލަވައެކެވެ.

ވިކްރަމް ބަޓްގެ "ރާޒް" ސިލްސިލާގެ އާ ފިލްމު "ރާޒް ރިބޫޓަޑް" ސެޕްޓެމްބަރު 16 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އިމްރާން ހާޝިމީ އާއި ކީރްތީ ކަރްބަންދާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމު ރާޒް ސިލްސިލާގެ ކުރީގެ ފިލްމުތައް ހާ ރީތިވާނެކަމަށް އުންމީދު ކުރެވެ އެވެ.

ހަމަ އެދުވަހު އަމީތާބު ބައްޗަން އާއި ތަޕާއްސީ ޕަންނޫގެ "ޕިންކް" ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. އަނިރުދާ ރޯއި ޗައުދަރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަންހެނުންނަށް ލިބޭ ގެވެށި އަނިޔާއާ ބެހޭ ގޮތުން އުފައްދާ ފިލްމެއް ކަމަށްވެ އެވެ.

އަޔުޝްމާން ކުރާނާ އާއި ބޫމީ ޕަޑްނޭކަރް އަނެއްކާވެސް ސްކްރީންތަކުން ފެނިގެން ދާނީ "މަންމަރްޒިޔާން" އިން ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ. މި ދެ އެކްޓަރުން ކުރިން ކުޅުނު "ދަމް ލަގާކޭ ހައިޝާ" އަށް ވަރަށް ބޮޑު ތަރުހީބެއް ބެލުންތެރިން ދީފައިވާތީ މި ފިލްމަކީ ވެސް ހަމަ އެހާ މޮޅު ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމް.އެސް ދޯނީގެ ހަޔާތުގެ މައްޗަށް ކުޅޭ "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ސެޕްޓެމްބަރު 30 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމަކީ ދޯނީގެ ފޭނުންނަށް، ޚާއްސަކޮށް ކްރިކެޓަށް ލޯބިކުރާ އިންޑިއާ މީހުން ވަރަށް ބަލާލާހިތްވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

ދެން އޮތީ އަހަރުގެ އެންމެ ފަހު ތިން މަސް ދުވަހެވެ. މިއީ ބޮލީވުޑަށް އެންމެ އުފާ ފާގަތި ދުވަސްތަކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ފިލްމު އުފައްދާ އެންމެން ކަހަލަ ގޮތަކަށް މޮޅެތި ބޮޑު ބަޖެޓް ފިލްމުތައް ރިލީޒްކުރަން އަމާޒު ހިފަނީ މި ދުވަސް ވަރަށެވެ. ޖުމްލަކޮށް ބޮލީވުޑުން ނެރޭ ރީތި ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް މި ދުވަސްވަރު ނުކުންނަނީ ގިނަ ފެސްޓިވަލްތަކާއި ބަންދު ދުވަސްތައް މި ދުވަސްވަރު ގިނަކަމުން ކަމަށް ބެލެވެ އެވެ.

އެގޮތުން އޮކްޓޯބަރު ފުރަތަމަ ދުވަހަކީ ވެސް ވަރަށް ޚާއްސަ ދުވަހެކެވެ. ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އެ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވާތީ އެވެ. ގޯރީ ޝިންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޒުވާނުންނަށް ޚާއްސަކޮށް އުފައްދާފައިވާ ވަރަށް ޒަމާނީ ގޮތްތަކެއް ހިމެނޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރާނެ ދެ ތާރީޚެއް ދީފައިވެ އެވެ. އެއް ތާރީޚަކީ އޮކްޓޯބަރު 1 އެވެ. އަނެއް ތާރީޚަކީ ނޮވެމްބަރު 25 އެވެ.

އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި ސައިޔާމީ ކޭރްގެ "މިރްޒިޔާ" ރިލީޒްކުރާނީ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ. ރާކޭޝް އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަނިލް ކަޕޫރުގެ ފޭނުންނަށް ވަރަށް ޚާއްސަ ވާނެ އެވެ. ސަބަބަކީ އަނިލްގެ ދަރިފުޅު މި ފިލްމުން ފެންނާނެތީ އެވެ.

ކަރަން ޖޯހަރް ޑައިރެކްޓްކުރާ "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ. ރަންބީރު ކަޕޫރު، އައިޝްވަރިޔާ ރާއީ، އަނުޝްކާ ޝަރުމާ، ފަވާދު ޚާން މި ފިލްމުގައި ލީޑް ރޯލުތައް ކުޅެފައިވެ އެވެ. އަދި ޝާހްރުކް ޚާންގެ ވެސް ޚާއްސަ ރޯލެއް މި ފިލްމުގައި ހިމެނޭ ކަމަށް ޚަބަރު ލިބެ އެވެ. މި ފިލްމުގެ ލަވަތައް އާދަޔާޚިލާފަށް ރީތި ކަމަށް ޝާހްރުކް ދާދިފަހުން ބުނެފައިވެ އެވެ. ފިލްމުގައި ބޮޑު ސްޓާ ކާސްޓެއް ހިމެނޭތީ ގިނަ ބަޔަކު މި ފިލްމު ބަލާލަން ޝައުގުވެރިވާނެކަމަށް ގަބޫލު ކުރެވެ އެވެ.

ހަމަ އެދުވަހު އަޖޭ ދޭވްގަންގެ "ޝިވާއޭ" ވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އަޖޭ ޑައިރެކްޓްކުރާ މި ފިލްމުގައި ސައިޝާ ސައިގަލް ބަތަލާގެ ބައި ކުޅެފައިވެ އެވެ. މިހާރު ބެލެވޭ ގޮތުން "އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ" ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކުރިމަތިލުމަކަށް ދާނެ އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު "ރޮކް އޮން 2" ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ ފަރްހާން އަޚްތަރާއި އަރްޖުން ރާމްޕާލް މީގެ ކުރިން ކުޅެފައިވާ "ރޮކް އޮން"ގެ ސީކުއަލް އެކެވެ. މިފަހަރުގެ ފިލްމުގައި ބަތަލާގެ ބައި އަދާކުރަނީ ޝްރައްދާ ކަޕޫރެވެ.

ނޮވެމްބަރު 18 ވަނަ ދުވަހު "ތުމް ބިން 2" ރިލީޒްކުރާނެ އެވެ. މިއީ މީގެ ކުރިން ނުކުމެފައިވާ "ތުމް ބިން"ގެ ދެ ވަނަ ބައެވެ. މިފަހަރުގެ ފިލްމުގެ ތަރިންނަކީ އާޝިމް ގުލާޓީ އާއި ނެހާ ޝަރުމާ އެވެ. މި ފިލްމު ވެސް ޑައިރެކްޓްކުރަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި އަނުބަވް ސިންހާ އެވެ.

ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާގެ "ފޯސް 2" ނޮވެމްބަރު 18 ވަނަ ދުވަހު ރިލީޒްކުރާނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަބިނޭ ޑެއޯ އެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓްކޮށްފައިވާ ވިދްޔާ ބާލަން އާއި އަރްޖުން ރާމްޕާލްގެ "ކަހާނީ 2" ނޮވެމްބަރު 25 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.

ޑިސެމްބަރު މަހު ވަރަށް މޮޅު ތިން ފިލްމެއް ރިލީޒްކުރަން އެބަ އޮތެވެ. އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރާ ރަންވީރު ސިންގް އާއި ވާނީ ކަޕޫރުގެ "ބޭފިކްރޭ" ޑިސެމްބަރު 9 ވަނަ ދުވަހު ރިލީޒްކުރާއިރު އާމިރު ޚާންގެ "ޑަންގަލް" ޑިސެމްބަރު 23 ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ހަމަ އެ ދުވަހު ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ވެސް ރިލިޒްކުރަން ހަމަޖެހިފައިވެ އެވެ.