ދުނިޔޭގެ ބޮޑު ކޮންފަރެންސެއްގައި ހޮލޯގޯ ވޯލްޑުގެ އެޕްލިކޭޝަން ވިދާލައިފި
ދުނިޔޭގެ ބޮޑު ކޮންފަރެންސެއްގައި ހޮލޯގޯ ވޯލްޑުގެ އެޕްލިކޭޝަން ވިދާލައިފި

ތައުލީމީ ދާއިރާއާ ގުޅޭގޮތުން އިނގިރޭސިވިލާތުގައި ބޭއްވި ބޮޑު ކޮންފަރެންސެއްގެ ގަދަ ހަތް ވަނައިގައި ރާއްޖޭގެ ހޮލޯގޯ ވޯލްޑް އެޕްލިކޭޝަން ހިމެނި އެ އެޕް ވިދާލައިފި އެވެ.

އައިލެންޑާސް އެޑިއުކޭޝަނާއި ޕްރޯ ޑިޒައިނާސް ގުޅިގެން އުފައްދާފައިވާ ހޮލޯގޯ ވޯލްޑުގެ ސީއީއޯ އީދަމް ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ހަފުތާގައި ލަންޑަނުގައި ބޭއްވި ބެޓް ކޮންފަރެންސްގައި އެކި ގައުމުތަކުން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން ހޮލޯގޯ ވޯލްޑަށް ވަނީ އެ ކޮންފަރެންސަށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން ގަދަ ހަތް ވަނައިގައި ހިމެނިފަ އެވެ.

ކޮންފަރެންސްގައި ބައިވެރިކުރި އެޕްލިކޭޝަންތައް ބަލައި ވަނަ ހޮވީ އެޕަލް ކުންފުނިންނެވެ. ހޮލޯގޯގެ އިތުރުން ދެން ހިމެނެނީ އެމެރިކާގެ އެޕްލިކޭޝަންތަކެކެވެ.

ހޮލޯގޯ ވޯލްޑުން ވަނީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރު)ގެ ހިތްގައިމުކަމާ އެކު، ކިޔަވައިދިނުމަށް ބޮޑު ލުޔެއް ގެނެސްދީފަ އެވެ. އޭގެ ސަބަބުން ކިޔަވާ ކުދިންނަށް، ކިޔަވައިދޭ އެއްޗެއް ނަގައިގަންނަން އެތައް ހާސް ގުނައެއް ފަސޭހަ ވެގެންދެ އެވެ.

ސައިންސް ފަދަ މާއްދާތައް ކިޔަވާއިރު، ދަރިވަރުން ދެނެގަންނަން އުނދަގޫ މޮޑިއުލެއްގެ ތްރީޑީއެއް ހޮލޯގޯއިން ބަލައިލެވޭނެ އެވެ. އަދި ދަރިވަރުންގެ އަތުގެ އިޝާރާތުން އެ މޮލެކިއުލް ކުޑަކޮށް، ބޮޑުކޮށް ގޮތްގޮތަށް އަނބުރައި ހެދޭނެ އެވެ. އަދި އޭގެ އެތެރޭގެ ބައިތައް ބަލައި، އެ ބައިތަކާ ބެހޭ ތަފްސީލީ މައުލޫމާތުތައް ހޯދޭނެ އެވެ.

ޓީޗަރެއް ނަމަ އެ އޮބްޖެކްޓަކާ ބެހޭ މައުލޫމާތުތައް ކަރިކިއުލަމަކާ އެއްގޮތަށް އެޕަށް އަޅައި ދަރިވަރުންނަށް ހިއްސާ ކުރެވޭނެ އެވެ.

"އޭއާރުން ޑިޖިޓަލް އިންފޮމޭޝަން އޯވަލޭ މި ކުރަނީ ކެމެރާ ލެންސް މެދުވެރިކޮށް، ރިއަލް ވޯލްޑް އޮބްޖެކްޓްސްގައި. މިސާލަކަށް ސްނެޕްޗެޓްގައި ދޫ ނެރެ، ތަފާތު ކަންކަން ކުރެވޭ ފިލްޓާތަކަކީ މި ޓެކްނޮލޮޖީ،" އީދަމް ވިދާޅުވި އެވެ.

އެ އެޕްލިކޭޝަން މިހާރު ވެސް ދުނިޔޭގެ 117 ގައުމެއްގައި ބޭނުންކުރެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 50،000 ފަހަރު ހޮލޯގޯ އެޕް ޑައުންލޯޑުކޮށްފައި ވެ އެވެ.