23 އޯގަސްޓް 2016 - 13:30

ގާނޫނުއަސާސީން ދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވައި ފާސްކުރި އިސްހުގައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިސްލާހު ފާސްކުރިއިރު "އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ" ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ލިއެފައިވެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ މަގުތަކުގައި މިހާރު ވެސް ސިޔާސީ އެއްވުންތަކާއި ހިނގާލުން ކުރިއަކަށް ގެންދަން ފުރުސަތެއް ނުދެ އެވެ. ގާނޫނުން ހުއްދަ ދީފައި އޮތަސް އެ ހުއްދަ ނުދެނީ، ވަކި ބައެއްގެ ހައްގަށް ހުރަސްއެޅޭ ކަމަށް ބުނެ އެވެ.
ފުލުހުން މިގޮތަށް އަމަލުކުރަމުން ދަނިކޮށް، އެއަށްވުރެ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި ހޯމް މިނިސްޓްރީން ހުއްދަ ދޭ ތަންތަނުގައި އެކަނި ސިޔާސީ ހަރަކާތް ހިންގޭ ގޮތަށް ހެދީ، އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅިން ހުއްޓުވުމަށެވެ. އެކަމަކު މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހަކަށްވާތީ، އިސްލާހަށް އަމަލުނުކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފަ އެވެ.