29 ޖެނުއަރީ 2019 - 11:53

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21 ވަނަ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ހުށަހެޅުމުގެ ފުރުސަތު ރޭ ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު، ހޮޓެލް ޖެންގައި ބޭއްވި އެ ރަސްމިއްޔާތުގައި، އިންތިޚާބަށް ނަން ހުށަހެޅުމުގެ ސުންގަޑި ހާމައެއް ނުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ސުންގަޑި ރޭ އިއުލާން ނުކުރެވި ދިޔައީ އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ.
އާންމު އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އެ ފޯމު ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު 5،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހެނީ ކުރިމަތިލާ ދާއިރާގެ 50 މީހުންގެ ސޮޔާ އެކު އެވެ.
މަޖިލިސް އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ކުރަމުންނެވެ. ޕްރައިމަރީ ބާއްވައި މިހާތަނަށް ކެންޑިޑޭޓުން ކަނޑައަޅާފައި ވަނީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެކަންޏެވެ.
އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލިކަން ރޭ އިއުލާން ކުރެއްވުމުގެ ކުރިން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށެވެ.