ކުރިން ފިލްމަކަށް ހަދަން އުޅުނު "އެހެނަސް ހަމަ ލޯބިވެޔޭ..." ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ
ކުރިން ފިލްމަކަށް ހަދަން އުޅުނު "އެހެނަސް ހަމަ ލޯބިވެޔޭ..." ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ

ކުރިން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން އުޅުނު ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ނިންމައި އޭގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އިގްބާލް 2012 ވަނަ އަހަރު ނެރުނު ވާހަކަ އަށް ބިނާކޮށް ހަދާ ސިލްސިލާގެ ސްކްރީންޕްލޭ ވެސް އަމިއްލަ އަށް ލިޔެފައިވާ އިރު، މީގެ ކާސްޓަށް އެކްޓަރުން ނަގައި، އޮޑިޝަން ހަދަން ބަތަލާ އައިޝަތު ރިޝްމީއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން މީގައި އެކްޓުކުރަން ޝައުގުވެރިވާ ދެ ޖިންސްގެ މީހުންގެ ކާސްޓިން ކޯލަކަށް ވަނީ ހުޅުވާލައިފަ އެވެ.

އިގްބާލް ބުނި އަމާޒަކީ ފިލްމީ ދާއިރާ އަށް އާ އެކްޓަރުންތަކެއް ވެސް ނެރެން ބޭނުންވާތީ "އެހެނަސް ހަމަ ލޯބިވެޔޭ..." އިން ޒުވާން ފަންނާނުންނަށް ފުރުސަތު ދިނުން ކަމަށެވެ.

މީގެ ޝޫޓިން އަންނަ މަހުގެ 15 ހިސާބުގައި ފަށަން ތާވަލުކޮށްފައިވާ އިރު، ކުރިއަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި "އެހެނަސް ހަމަ ލޯބިވެޔޭ..." ޓީޒާއަކާ އެކު، ސިލްސިލާއާ ބެހޭ ގިނަ މައުލޫމާތު ހިއްސާކުރަން ވަނީ ނިންމައިފަ އެވެ.

"މީތި ޑައިރެކްޓްކޮށް، ޓެކްނިކަލް މަސައްކަތް ވެސް ކުރާނީ ފިލްމީ ދާއިރާގެ ހަމަ ތަޖުރިބާ ހުރި ފަންނާނުންތަކެއް. އެހެންވީމާ ކޮލިޓީ ރަނގަޅު ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ސީރީޒަކަށް އެހެނަސް ހަމަ ލޯބިވެޔޭ ވާނެ ކަމުގެ އުންމީދު ބޮޑު،" އިގްބާލް ބުންޏެވެ.

އޭނާ ބުނީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު ވާހަކަ އަށް ފިލްމެއް ހެދުމުގެ ބަދަލުގައި ސިލްސިލާއެއް ހަދަން ބޭނުންވީ ވާހަކަ ވެސް ދިގުވުމުން، ހާދިސާތައް ވީހާ ވެސް ތަފުސީލުކޮށް ކިޔައި ދިނުމަށެވެ. އެގޮތުން ދެ ސީޒަނަކަށް ބަހާލައިގެން "އެހެނަސް ހަމަ ލޯބިވެޔޭ..." ގެނެސްދޭ އިރު، ކޮންމެ ސީޒަނެއްގައި ހިމެނޭނީ ޖުމްލަ 10 އެޕިސޯޑެވެ.

މި ވާހަކައަކީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.

"ވަރަށް ސޯޝަލް އިޝޫތަކަށް ހުންނާނެ މި ވާހަކައިގައި،" އިގްބާލް ބުންޏެވެ.