30 ޖެނުއަރީ 2019 - 11:33

މާލޭގެ ރާޅުގަނޑު ސަރަހައްދުގެ އަތިރި މައްޗަށް ގިނަ އަދަދަކަށް ހިލަ ލައްގައި އެ ސަރަހައްދުގެ ވެލިގަނޑު ވަރަށް ބޮޑަށް ކަޅުވެއްޖެ އެވެ.

މީގެ ދުވަސްތަކެއް ކުރިން އެ ސަރަހައްދަށް ކުދި ހިލަ ލައްގަން ފެށީ، މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅާފައިވާ ބްރިޖުގެ ތަނބުތައް ޖަހަން ކޮންކްރީޓް ކުރަން ފެށުމުންނެވެ. ގިނަ އަދަދަކަށް އަކިރި އޮންނަ އެ ސަރަހައްދުގެ އަތިރިމަތި މިހާރު ހިލައިން ވަރަށް ބޮޑަށް ކަޅުވެފައިވާއިރު ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ސަރަހައްދުގެ ރީތިކަން ގެއްލޭތީ އެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ލަފާކުރައްވާގޮތުގައި މިހާރު އެ ވަނީ ކަނޑަށް އެޅިފައިހުރި ހިލަތައް ލައްގައި ނިމިފަ އެވެ.
ނަމަވެސް އޭގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަކަށް ނައީމް ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަކީ އެ ސަރަހައްދުގެ ފަރަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދަކަށް ވާތީ އެވެ.
"ބޯޓު ފަރަށް އަރައިގެން ވަރަށް ބޮޑަށް އެ ހިސާބުގެ ފަރު ވަނީ ކުރިން ހަލާކުވެފައި. އެހެންވީމަ ވަކި މައްސަލައެއްގެ ގޮތުގައި އެކަމެއް ނުބަލަން،" ނައީމް ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތަށް ފަހު މިދިޔަ އަހަރުގެ ފަހުކޮޅު އެ ތަން އަލުން ހުޅުވާލި އިރު ބޮޑެތި ދަގަނޑު ހޮޅި ފަދަ ނުރައްކާތެރި ސާމާނު މޫދުގައި ހުއްޓެވެ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ރާޅާއަޅަން އެ ސަރަހައްދަށް އެރޭއިރު އަދިވެސް އެ ތަން އޮތީ އެއްކޮށް ސާފުނުކޮށެވެ. ނަމަވެސް ހޮޅިތައް ވަނީ ނަގަން ފަށައިފަ އެވެ.