31 ޖެނުއަރީ 2019 - 10:38

ބެރްގާމޯ (ޖެނުއަރީ 31) – އެޓަލާންޓާ އަތުން 3-0 އިމް ބަލިވެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޔުވެންޓަސް ރޭ އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ކަޓައިފި އެވެ.
މިއީ މި ސީޒަނުގައި އިޓަލީގެ މުބާރާތެއްގައި ޔުވެންޓަސް ބަލިވި ފުރަތަމަ މެޗު ވެސް މެ އެވެ. އަނެއްކޮޅުން ރޯމާ ވެސް ވަނީ ރޭ ހައިރާންކުރުވަނިވި ގޮތަކަށް ފިއޮރެންޓީނާ އަތުން 7-1 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ފިއޮރެންޓީނާ އާއި އެޓަލާންޓާ އެވެ. ފުރަތަމަ ސެމީ ގައި އޭސީ މިލާނާ ވާދަކުރާނީ މިރޭ އިންޓަ މިލާނާއި ލާޒިއޯ ކުޅެ މޮޅުވާ ޓީމަކާ އެވެ.
އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ޔުވެންޓަސް ރޭގެ މެޗުން ބަލިވީ ވަރުގަދަ ޓީމެއް ނެރެފައި އޮއްވަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅުނެވެ. އެކަމަކު އެޓަލާންޓާގެ ޒުވާން ކުޅުންތެރިން ތަފާތު ދެއްކީ އެވެ. އެ ޓީމުގެ ޑުވާން ޒަޕާޓާ ދެ ގޯލް ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކުރީ ޓިމޮތީ ކަސްޓަންޔޭ އެވެ.
މި މެޗުގައި ޔުވެންޓަސްގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އަނެއް ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ވެސް އަނިޔާގައި ހުއްޓައި އަދި މެހްދީ ބެނާޝިއާ ކްލަބް ދޫކޮށްފައި ވަނިކޮށް ކިއެލީނީ ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު ކިއެލީނީގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށްވެ އެވެ. އެހެންވިޔަސް ޔުވެންޓަސް އިން ޕާމާގެ އުމުރުން 38 އަހަރުގެ ޑިފެންޑަރު ބްރޫނޯ އަލްވެސް ގެންނަން މަސައްކަތްކުރާ ކަމަށްވެ އެވެ. އެ ޓީމުން ވަނީ އުރުގުއޭ ޑިފެންޑަރު މާޓިން ސަސެރެސް ވަނީ ދާދި ފަހުން ގެނެސްފަ އެވެ.
ރޭ ރޯމާ އަތުން ތަފާތު ބޮޑުކޮށް ފިއޮރެންޓީނާ މޮޅުވި މެޗުގައި އެ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ފެޑެރިކޯ ޗިއެސާ ހެޓްރިކެއް ހެދި އެވެ. ޖިއޮވާނީ ސިމިއޯނީ ދެ ގޯލް ޖެހިއިރު އަނެއް ދެ ލަނޑު ކާމިޔާބުކުރީ ލުއިސް މުރިއެލް އާއި މާކޯ ބެނާސީ އެވެ. ރޯމާގެ ހަމައެކަނި ލަނޑު ޖެހީ އެލެކްސެންޑާ ކޮލަރޯފެވެ. މި މެޗުގެ 72 ވަނަ މިނެޓުގައި ރޯމާގެ ފޯވާޑް އެޑިން ޖެކޯ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ބެލެވެނީ އެއީ ރެފްރީ ގަޔަށް ކުޅު ޖެހުމުން ކަމަށެވެ. އެހެންވެއްޖެ ނަމަ ބޮޑު ސަސްޕެންޝަނެއް އަންނާނެ އެވެ.
ލީގުގެ ފަސް ވަނައިގައި އޮތް ޓީމުގެ ކޯޗުކަމުން ޔޫސޭބިއޯ ޑި ފްރެންސެސްކޯ ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އާދީއްތަ ދުވަހުގެރޭ ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗުގައި އިތުރު ފުރުސަތު ދީފާނެ ކަމަށް ވެސް ބެލެވެ އެވެ. އެ ޓީމުން ގެންނަން އުޅޭ ކަމަށް އަޑުއަރާފައިވާ ކޯޗަކީ ފިއޮރެންޓީނާގެ ކުރީގެ ކޯޗު ޕައުލޯ ސޯސާ އެވެ.