01 ފެބުރުއަރީ 2019 - 07:23

މިހާތަނަށް އަދި ކައިވެންޏެއްކޮށްފައި ނުވާ، އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ރާނީގެ ގޮތުގައި ސިފަ ކުރާ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވެސް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދައިފި އެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދޮށީ އަންހެން ދަރިފުޅު އެކްތާ، 43، އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އުފަންވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެކްތާ އަށް ދަރިއަކު ލިބުމުން ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި ތަހުނިޔާ ވެސް ކިޔަމުންނެވެ.
އެކްތާ ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދި އިރު، އޭނާގެ ކޮއްކޮ އަދި އެކްޓަރު ތުޝާރު ކަޕޫރްގެ ވެސް ސަރޮގޭޓް ދަރިއަކު އެބަ ހުއްޓެވެ. ކައިވެންޏެއް ނުކޮށް ހުރި، ތުޝާރު، 42، ގެ ދަރިފުޅު ލަކްޝިއާ ކަޕޫރުގެ އުމުރުން މިހާރު ދެ އަހަރެވެ.
އެކްތާއަކީ ބެލުންތެރިން ޓީވީ ސިލްސިލާތަކުގައި ޖާދޫގައި ޖެއްސުވި މީހާ އެވެ. އޭނާ ވަނީ މިހާތަނަށް ކާމިޔާބު އެތައް ސިލްސިލާއެއް ގެނެސް ދީފަ އެވެ. އަދި މިހާރު ވެސް އެ މަސައްކަތުގައި އެންމެ ނަގާކިޔާ މީހަކީ އެކްތާ އެވެ.
ޓީވީ ސިލްސިލާތައް ހެދުމުގެ އިތުރަށް އާއިލީ ފިލްމު ކުންފުނި ބަލާޖީއަކީ ފީޗާ ފިލްމާއި ވެބް ސީރީޒް ވެސް ގެނެސްދޭ ސްޓޫޑިއޯއެކެވެ.
އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައިވާ މީހުންގެ ތެރޭގައި އާމިރު ހާނާއި ޝާހްރުކް ހާނާއި ކަރަން ޖޯހަރު ފާހަގަކޮށްލެވެ އެވެ.