02 ފެބުރުއަރީ 2019 - 20:23

ނިއު ދިއްލީ (ފެބްރުއަރީ 2) - ހާލުގައި ޖެހިފައިވާ އިންޑިއާގެ ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި 10.5 ބިލިއަން ޑޮލަރުގެ ސްކީމެއް ތައާރަފް ކޮށްފި އެވެ.
އާ އަހަރުގެ ބަޖެޓުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނޑުވެރިންނަށް އެހީގެ ގޮތުގައި ބޮޑު އަދަދެއް ހިމަނާފައި ވަނީ ކުރިއަށް އޮތް އާއްމު އިންތިޚާބަށް އަމާޒުކޮށްގެންނެވެ. އިންޑިއާގެ ދަނޑުވެރިކަން ދަށްވުމުން ދަނޑުވެރިންނަށް ވަނީ ބޮޑެތި ގެއްލުންތައް ލިބެން ފަށައިފަ އެވެ. ދަނޑުވެރިންގެ ލޯނުތައް ދެއްކޭނެ ގޮތެއް ނެތުމުން ބައެއް ދަނޑުވެރިން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.
މެއި މަހު ބާއްވާ އާއްމު އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ނުކުމެވަޑައިގަންނަވާ އިރު މޯދީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސާދު ހީނަރުވެ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެފައިވުމެވެ. ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 45 އަހަރު ތެރޭ ނުދާ މިންވަރަށް މައްޗަށް ޖެހިފަ އެވެ. ބޮޑު ވަޒީރު މޯދީގެ ބީޖޭޕީން 2014 ވަނަ އަހަރު ވެރިކަމަށް އައީ އެތައް މިލިއަން ވަޒީފާއެއް އުފައްދާނެކަމުގެ ވައުދާ އެކު އެވެ.