03 ފެބުރުއަރީ 2019 - 09:39

ސްރީ ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
ލަންކާގެ މިނިވަން ދުވަހަކީ މާދަމާ އެވެ.
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުން ގުޅުން ބަދަހި ކުރާނެ ދާއިރާތަކާ މެދު ލަންކާ ސަރުކާރާ އެކު ރައީސް މަޝްވަރާތައް ބާއްވާނެ އެވެ.
މީގެ އިތުރުން ލަންކާގެ ރައީސާއި ބޮޑުވަޒީރާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު އަމިއްލަފުޅު ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ ގައުމަށް ވަޑައިގެންފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް އެންމެ ފުރަތަމަ ރާއްޖެ އިން ބޭރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ އިންޑިއާ އަށެވެ. އޭގެ ފަހުން ޔޫއޭއީ އަށެވެ. ލަންކާ އަކީ އެމަނިކުފާނު ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ތިންވަނަ ގައުމެވެ.