11 ފެބުރުއަރީ 2019 - 11:50

ބެއިޖިން (ފެބްރުއަރީ 11) - އިރުއުތުރުގެ ބޯޑަރު ސްޓޭޓެއް ކަމަށްވާ އަރުނަޗަލް ޕްރަދޭޝް އަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމުން ޗައިނާގެ ފޮރިން މިނިސްޓްރީން ނުރުހުން ފާޅުކޮށްފި އެވެ.
ޗައިނާގެ ބަޔާނުގައި ބުނެފައި ވަނީ އަރުނަޗަލް ޕްރަދޭޝްގައި އިންޑިއާގެ ލީޑަރުން ހިންގާ އަމަލްތައް ކުށްވެރި ކުރާ ކަމަށެވެ. ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް މޯދީ އެ ސަރަހައްދަށް ވަޑައިގެންނެވީ އަންނަ މެއި މަހު އޮންނަ އާއްމު އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދު އިތުރު ކުރުމުގެ ގޮތުންނެވެ.
"އިންޑިއާގެ ކިބައިން ޗައިނާ އިން އެދެނީ ޗައިނާގެ މަސްލަހަތަށް ވެސް އިހްތިރާމް ކުރުމަށް. އަދި ދެ ގައުމުގެ ބޯޑަރު މައްސަލައިގައި އިތުރު ހަމަނުޖެހުމަކަށް މަގުފަހިވާ ގޮތަށް ކަންތައް ނުކުރުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނަށް ރައްދު ދެމުން އިންޑިއާގެ ރަސްމީ ތަރުޖަމާން ވިދާޅުވީ އަރޫނަޗަލް ޕްރަދޭޝް އަކީ އިންޑިއާގެ ތަނެއް ކަމަށެވެ.
"އިންޑިއާގެ އެހެން ސްޓޭޓްތަކަށް ޒިޔާރަތް ކުރާ ގޮތަށް އަރޫނަޗަލް ޕްރަދޭޝް އަށް ވެސް އިންޑިއާގެ ވެރިން އަބަދުވެސް ޒިޔާރަތް ކުރޭ،" އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ.
އިންޑޯ-ޗައިނާ ބޯޑަރުގެ މައްސަލާގައި ދެ ގައުމުން 1962 ވަނަ އަހަރު ވަނީ ހަނގުރާމައެއް ކޮށްފަ އެވެ.