12 ފެބުރުއަރީ 2019 - 14:05

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ލިބިގެންނެވި ނަމަވެސް އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވަން އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ނިންމެވީ ކޯލިޝަން ސަރުކާރެއްގައި ގިނަ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދާން ކަމަށެވެ. ހުރިހާ ފިކުރަކާ އެކު މަސައްކަތް ކުރެއްވޭނީ އަމިއްލަ ގޮތުން މަޖިލީހަށް ވަޑައިގެންނެވިގެން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި އިސްކޮށް އުޅުއްވާ އަދި އެމަނިކުފާނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި އައިބީ ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަނީ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ އިސް ވެރިންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
އޭނާ އުއްމީދުކުރައްވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ ތާއީދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ޓިކެޓުގައި ފޭދޫ ދާއިރާއަށް އިތުރު މީހަކު ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ނިޔަތަކީ ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކުރުން. ޕާޓީގެ ވިސްނުމަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށް ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެހީތެރިކަންދޭން ޖެހޭ. އެކަން ކުރާނަން،" އައިބީ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މުހައްމަދު ނިހާދެވެ.