13 ފެބުރުއަރީ 2019 - 12:49

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ލިބެން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވި ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިޔާލު ތަފާތެވެ.
ގާސިމް ވިދާޅުވެފައި ވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވަކި ޕާޓީ އަކަށް އަޣުލަބިއްޔަތު ލިބުމަކީ ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ގާސިމް ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމްޑީޕީގެ އެ ނިންމުމަކީ ކޯލިޝަންގެ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާ ޚިލާފުވެ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސް ގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، މި ވަގުތު ރާއްޖޭގައި އޮތީ ގައުމީ ސަރުކާރެއް ކަމަށާއި މި ފަސް އަހަރު ތެރޭގައި އެންމެން ގުޅިގެން ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށެވެ. ހިޔާލު ތަފާތުވުންތައް ހުއްޓަސް މި ފަސް އަހަރު އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީސް އިންތިހާބުގައި މެޖޯރިޓީން ދޭން އަޅުގަނޑުމެންގެ ކޮމިޓްމެންޓް އޮތީ. ރިޔާސީ އިންތިހާބުގައި ވެސް ނުކުތީ ވަކި ކުލައެއް ފިކުރެއް ބެލުމެއް ނެތި ގައުމީ މަސައްކަތެއްގައި. ރައީސް ޕްރޫފު ކޮށްދެއްވައިފި މިކުޑަ ދުވަސްކޮޅުގައި ވެސް ވަކި ފިކުރަކަށް ނުބަލާނެ ކަން،" އިތުރު ތަފްސީލަކަށް ވަޑައިނުގެން، އަލީ ވަހީދު ވިދާޅުވި އެވެ.
ވަކި ޕާޓީ އަކަށް މެޖޯރިޓީ ދޭން ޖެހޭނެ ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުގައި ވިދާޅުވެފައިނުވި ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ނިމުނު ދުވަހު އެމަނިކުފާނު ވަނީ އެމްޑީޕީ އަށް މަޖިލީހުގެ ބޮޑުބައެއް ބޭނުން ކަމަށް ވިދާޅުވެފަ އެވެ.