15 ފެބުރުއަރީ 2019 - 08:02

މިދިޔަ މަހު ރިލީޒް ކުރި "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އިން ރަސްމީކޮށް ޑައިރެކްޝަނަށް ނުކުތުމަށް ފަހު، ބަތަލާ ކަންގަނާ އޭނާގެ ދެވަނަ ޑައިރެކްޝަނުގެ ގޮތުގައި އަމިއްލަ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.
އޭނާގެ ކެރިއަރަށް ބިނާކޮށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔަނީ "މަނިކަރްނިކާ" ގެ ސްކްރީން ރައިޓަރު ކޭ ވީ ވިޖެންދުރަ ޕްރަސާދެވެ. އޭނާއަކީ "ބާހްބަލީ" ގެ ލިޔުންތެރިޔާ ވެސް މެ އެވެ.
އަމިއްލަ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށް، އެކްޓް ކުރާކަން ކަށަވަރުކޮށް ދެމުން ކަންގަނާ މުމްބާއީ މިރާ އަށް ބުނީ މި ފިލްމު ހަދަން ނިންމީ ވިޖެންދުރަ އެކަމަށް އެދިގެން ކަމަށެވެ.
"މަނިކަރްނިކާގެ ޝޫޓިން ތެރޭގައި ވިޖެންދުރަ ސާ ވަނީ އަހަރެންގެ ހަޔާތުގެ ވާހަކަ ލިޔަން ބޭނުންވާ ކަމަށް ބުނެ އެކަމަށް އެދިފައި. އަދި އެކަމުގެ ހުއްދަ ދީފި ނަމަ، ސްކްރިޕްޓެއް ލިޔެ ދޭން ތައްޔާރަށް ހުރި ކަމަށް ބުނީމަ ހުއްދަ ދިނީ،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާ ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާގެ ވާހަކަ ކިޔައިދޭ ފިލްމުގައި އޭނާއާ ދޭތެރޭ ބައެއް މީހުން ދެކޭ ގޮތް ބަދަލު ކުރަން ހަމްދަރުދީ ހޯދުމުގެ ވިސްނުމުގައި ފިލްމުގައި އެއްވެސް ކަމެއް ނުހިމަނާނެ އެވެ
"މިއީ ޕްރޮޕެގަންޑާ ފިލްމަކަށް ނުވާނެ. ބޭނުން ވަނީ އަހަރެންގެ ކެރިއަރު ފެށިގެން މި ހިސާބަށް އައި ގޮތް ކިޔައި ދޭން. ވަރަށް ގިނަ މަޖާ ކަންކަން ވެސް ފިލްމުގައި ހުންނާނެ،" އުމުރުން 17 އަހަރުގައި ފިލްމު "ގޭންގްސްޓާ" އިން 2006 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާ ބުންޏެވެ. "މި ފިލްމުގައި އެއްވެސް މީހަކަށް ފާޑު ކިޔާފައި ނުހުންނާނެ. ވަރަށް އޮނެސްޓް ފިލްމެއް ގެނެސް ދޭން ބޭނުން ވަނީ."
މުމްބާއީ މިރާ އިން ބުނީ ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް ވިޖެންދުރަ މިހާރު ކުރަމުން އަންނަ އިރު، ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ނޮވެމްބަރު ނޫނީ ޑިސެމްބަރުގައި ކަމަށެވެ.
"މަނިކަރްނިކާ" ގެ އިތުރުން ކަންގަނާގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ "މެންޓަލް ހޭ ކިޔާ" އާއި "ޕަންގާ" އެވެ.
ކަންގަނާ ކުރިން ވަނީ "ތޭޖޫ" ކިޔާ އުމުރުން 80 އަހަރުގެ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ލިޔެ، ޑައިރެކްޓް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.