14 ފެބުރުއަރީ 2019 - 22:35

ސްރީނަގަރު (ފެބްރުއަރީ 14) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 42 މީހުން މަރާލައިފި އެވެ.

މިއީ ކަޝްމީރުގެ ހަމަނުޖެހުންތަކުގައި ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭ ދިން އެންމެ ނުރައްކާ ހަމަލާ އެވެ. ގޮވާތަކެތިން ފުރާފައިވާ ކާރެއް ވަނީ އިންޑިއާ ސިފައިންގެ ބަޔަކު ގޮވައިގެން ސްރީނަގަރު-ޖައްމޫ ހައިވޭގައި ދަތުރުކޮށްފައި ދިޔަ ބަހެއްގައި ޖައްސާ ގޮއްވާލައިފަ އެވެ.
ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގެ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން އުފުލައިފަ އެވެ.
މިއަދުގެ ހަމަލާގެ ކުރިން ފަހަކަށް އައިސް ކަޝްމީރުގައި އެންމެ ނުރައްކާ ހަމަލާއެއް ދީފައި ވަނީ 2002 ވަނަ އަހަރު އެވެ. ޖައްމޫއާ ކައިރީގައިވާ ސިފައިންގެ މަރުކަޒަކަށް އެ ފަހަރު ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 31 މީހުން މަރުވި އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އުރީގައި ދިން ހަމަލާއެއްގައި ވަނީ އިންޑިއާ ސިފައިންގެ 17 މީހުން މަރާލައިފަ އެވެ.