15 ފެބުރުއަރީ 2019 - 20:42

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލު ކުރެއްވުމަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ކުރިއެރުމަކީ ހަމައެކަނި ދިވެހިންގެ މަސްލަހަތާ ގުޅިފައިވާ އޮތް ކަމެއް ނޫން ކަމަށެވެ. އެ ކަންކަމާ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްލަހަތާ ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާގައި ހުންނެވި ނަޝީދު އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އެގޮތުން، ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިވުމަކީ ރާއްޖެއަށާއި މުޅި އެތެރެވަރިއަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ އަދި އެ ގައުމުގެ އަސްކަރިއްޔާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.