18 ފެބުރުއަރީ 2019 - 08:42

މެޑްރިޑް (ފެބްރުއަރީ 18) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ޖިރޯނާ އަތުން ބަލިވި ނަމަވެސް ރެއާލް މެޑްރިޑް އަދިވެސް އޮތީ ލީގުގެ ރޭހުގައި ކަމަށް އެ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.
ރޭގެ މެޗުން ރެއާލް ބަލިވުމުން އެ ޓީމަށް ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލުނުއިރު، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ރެއާލް ތިން ވަނައިގައި އޮތީ 24 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗަށް ފަހު ރެއާލަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތްތޯ ސުވާލުކުރުމުން ސޮލާރީ ބުނީ އަބަދުވެސް ހުންނާނީ އެ އުއްމީދުގައި ކަމަށެވެ.
"އަހަރެމެން އަބަދުވެސް ލީގުގެ ރޭހުގައި އޮންނާނެ. ބޭނުންވަނީ އަބަދުވެސް މޮޅުވެވޭނެ ފޯމެއްގައި އޮންނަން. ޔަގީނުން ވެސް އަދި އަހަރެމެންނަށް ލީގު ހޯދުމުގެ ދޮރު ބަންދެއް ނުވޭ. އަދި އަހަރެމެންނަށް ތިން މުބާރާތަށް ވާދަކުރެވެން އެބައޮތް،" ސޮލާރީ ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލީޑުނަަގައިިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. އޭނާ މި ލަނޑު ޖެހީ ޓޮނީ ކްރޫސް ނަގައިިދިން ހުރަހަކުން ބޮލުންނެވެ. ޖިރޯނާ އިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ޖިރޯނާ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ސްޓުއާނީ އެވެ. މި ޕެނަލްޓީ އަކީ ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ޖިރޯނާ މޮޅުކޮށްދިން ލަނޑު މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޕޯޗުގުއޭސް މަންޒަނޭރާ (ޕޯޓޫ) އެވެ. މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރެއާލުގެ ރާމޯސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މިއީ އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ޖިރޯނާ އަށް ލިބުނު ފުރަތަމަ މޮޅެވެ. ޖިރޯނާގެ ކޯޗު އުސޭބިއޯ ސަކްރިސްތާން ބުނީ އުނދަގޫ ހަފްތާތަކަށް ފަހު މިއީ ޖިރޯނާ އިން ކުރަމުން އައި މަސައްކަތަށް މި މޮޅާ އެކު ލިބުނީ ހިތްވަރުން ކަމަށެވެ. އަދި މިއީ ސަޕޯޓަރުންނާއި މުޅި ޓީމު އެކުވެގެން ނެރުނު ނަތީޖާއެއް ކަމަށް ބުންޏެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވެލެންސިއާ އާއި އެސްޕަންޔޯލް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އަދި ވިޔަރެއާލް ވަނީ 3-0 އިން ސެވިއްޔާ ބަލިކޮށްފަ އެވެ.