08 މާޗް 2019 - 08:29

އިސްތަށިގަނޑު ކުރުކޮށް ހުންނާތީ "ފިރިހެން ކުއްޖެއް" ކަމަށް ބުނެ ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި ފަސް އަހަރުގެ އަންހެން ކުއްޖަކަށް ހިތްވަރު ދޭން ޓީޗަރަކު އަމިއްލަ ބޯ ކުރުކޮށް ކޮށާލައިފި އެވެ.

އެމެރިކާގެ ހިއުސްޓަންގެ ވިލިސް އިންޑެޕެންޑެންޓް ސްކޫލް ޑިސްކްރިޓްގެ އެލްކޭޖީގައި ކިޔަވަމުން އަންނަ ޕްރިސީލާ ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑު ކުރުކޮށް ހުންނާތީ ކުލާހުގެ ވަރަށް ގިިނަ ކުދިން އެކަމަށް ޖޯކް ޖަހައި، ހީ ހަދަ އެވެ.
"ގިނަ ކުދިން އަހަންނާ ދިމާއަށް ބުނަނީ ތިއީ ފިރިހެން ކުއްޖެކޭ. ބޯ ކުރުކޮށް ހުރީމަ ފިރިހެން ކުއްޖަކާއޭ ވައްތަރީ ވެސް. ވަރަށް ދެރަވެ، ރޮވޭ އެހެންވެ ކުދިން ދިމާކުރާތީ،" ކޭޓީއާރްކޭ އަށް ޕްރިސީލާ ބުންޏެވެ. "އެހެންވެ ސްކޫލްގެ މާހައުލު ވެސް އެހާ ގަޔަވާ ތަނަކަށް ނުވޭ."
އޭނާ ކިޔައި ދިން ގޮތުގައި އެހެން ކުދިން މަލާމާތް ކުތާރީ ފަހުން ސްކޫލަށް ދަނީ ބޮލުގައި ތޮއްޕެއް ވެސް އަޅައިގެންނެވެ. ނަމަވެސް މި މައްސަލަ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޝެނަން ގްރިމްގެ ސަމާލުކަން ހުއްޓުނެވެ.
ބުލީގެ ޝިކާރަކައަށް ޕްރިސީލާވުމުން އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން ޝެނަން ވަނީ އުނގަނޑާ ހަމައަށް އޮތް އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލައިފަ އެވެ. އަދި އޭނާ މިހާރު އިސްތަށިގަނޑު ސްޓައިލް ވެސް ކުރަނީ ޕްރަސީލާ ގޮތަށް ހެދުމާ ގުޅޭ ހެޑް ބޭންޑާއި ބޮލުގައި ޖަހާ ދަތިންނެވެ.
ހިތްވަރު ދޭން ޓީޗަރަކު ގުރުބާންވެފައިވާތީ މިދިޔަ ހަފުތާގައި އޮތް ސްކޫލް ބޯޑް މީޓިންގައި ޕްރިސީލާ ވަނީ މިސް ޝެނަން ދެއްކި ހިތްވަރަށް ސާބަސް ދިނުމުގެ ގޮތުން މެޑެއްޔެއް ވެސް ދީފަ އެވެ. ޕްރަސީލާ ބުނި ގޮތުގައި ޝެނަން މިސްއަކީ އޭނާގެ "ހީރޯ" އެވެ. އަދި ޝެނަން ވަނީ މި މިމަހުގެ ދަރިވަރުގެ ގޮތުގައި ޕްރަސީލާ ނޮމިނޭޓްކޮށްފަ އެވެ.
"އަހަރެންގެ ދިގު އިސްތަށިގަނޑު ކޮށާލީމަ ދަރިފުޅު ވެސް ބުނަނީ މަންމަ މިހާރު ޖަހަނީ ފިރިހެނެއް ވައްތަރޭ. މީހާ ހުންނަ ގޮތަކުން އެ މީހަކު ޖަޖް ކުރާކަށް ނުވާނެ. އަހަރެންގެ ދިގު އިސްތަނޑު ކޮށާލީމަ މިސް ވެސްވޭ. އެކަމަކު ޕްރިސީލާގެ އިހުސާސްތައް އަހަންނަށް މި ގޮތަށް ބޯކޮށާލީމަ ކުރެވޭ،" ޝެނަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މީހަކު ހުންނަ ގޮތަކަށް ބަލާފައި އެ މީހަކަށް މަލާމާތްކޮށް، ޖޯކް ޖަހާކަށް ނުވާނެ އެވެ.
"ވަކިން ހާއްސަކޮށް ސްކޫލްތަކުގައި އެބަ ޖެހޭ ބުލީ ކުރުމާ ދެކޮޅަށް މަސައްކަތް ކުރަން،" ޝެނަން ބުންޏެވެ. "ކޮންމެ މީހަކީ ވެސް އެ މީހާގެ ގޮތުގައި ރީތި އަދި ފުރިހަމަ މީހެއް."