25 އޯގަސްޓް 2016 - 16:58

ނިއު ދިއްލީ (އޮގަސްޓް 25) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލަކުން މީގެ ނުވަ އަހަރު ކުރިން ވަގަށް ނެގި ކުޑަ ފިރިހެން ކުއްޖަކު ނުވަ އަހަރު ފަހުން ފެނިއްޖެ އެވެ.
އުމުރުން އެއް އަހަރުގެ ކުއްޖާ ވަގަށް ނެގީ ހޮސްޕިޓަލުގެ ވޯޑުގައި ކުއްޖާ ބާއްވާފައި އޭނާގެ މަންމަ މެޑިކަލް ޗެކަޕެއް ހަދަން ދިޔަ ތަނުންނެވެ. ފުލުހުން ބުނީ ކުއްޖާ ހޯދީ އެ ކުއްޖާގެ ފޮޓޯ ގަނޑެއްގެ އެހީގައި ކަމަށެވެ. ކުއްޖާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކުއްޖާގެ ބައްޕަ އަފްސަރު ޚާން، 46، ބުނީ ކުއްޖާ ހޯދަން ފުލުހުންނަށް މެއި މަހު ވެސް ހުށަހެޅި ކަމަށެވެ. އަދި ޕާޓީއެއްގެ ތެރޭން ގާތްތިމާގެ މީހަކަށް ކުއްޖާގެ ފޮޓޯގަނޑެއް ދެއްކުމުން ވަނީ ދިއްލީގެ އިރުމަތީގެ ހިސާބަކުން އެ ކުއްޖާއާ ވައްތަރު ކުއްޖެއް ފެނުނު ކަމަށް ބުނެފަ އެވެ.
އުމުރުން މިހާރު 10 އަހަރުވެފައިވާ ސާމިރު ނަމަކަށް ކިޔާ ކުއްޖާ ފުލުހުން ހޯދީ މި މަހު 22 ވަނަ ދުވަހު ޖަހަންގީރު ޕޫރީންނެވެ. އަދި އެ ވަގުތު އެ ކުއްޖާއާ އެކު ތިބި ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެ މީހުން އިތުރު ކުދިން ވަގަށް ނަގާފައިވޭތޯ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
"އެންމެ ފުރަތަމަ އެ ދެ މީހުން ވަނީ އެއީ އެ މީހުންގެ ދަރިއެއް ކަމަށް ބުނެފައި. އެކަމަކު އިތުރަށް ސުވާލު ކުރުމުން ވަނީ އެ ކުއްޖާ ވަގަށް ނެގި ކަމަށް އެއްބަސްވެފައި. އެއީ ދެމަފިރިންގެ ދަރިއަކު ނުހުންނާތީ،" ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ރިޝިޕާލް ސިންގް ވިދާޅުވި އެވެ.
ކުއްޖާގެ މަންމަ ފަރީދާ ބުނީ ނޮވެމްބަރު 2007 ގައި އޭނާގެ ދަރިފުޅު ވަގަށް ނެގީ ދެ ވަނަ ދަރިފުޅަށް ބަނޑުބޮޑު އިރު ޓެސްޓްތަކެއް ހަދަން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް ކަމަށެވެ. އަދި ކުއްޖާ ދޫކޮށް ޓެސްޓް ހަދަން ދިޔަ އިރު އެ ކުއްޖާއާ އެކު ކުޅެން އަންހެނަކު ހުރި ކަމަށާއި ޓެސްޓް ހަދައިގެން އައި އިރު ކުއްޖާ ގޮވައިގެން އަންހެން މީހާ ފިލާފައިވާ ކަމަށެވެ.