20 ފެބުރުއަރީ 2019 - 09:05

ލިޔޯން، ފްރާންސް (ފެބްރުއަރީ 20) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ލިޔޯންއާ ލަނޑެއް ނުޖެހި އެއްވަރުވިޔަސް މިއީ ކަންބޮޑުވާންޖެހޭ ނަތީޖާއެއްގެ ގޮތުގައި ނުދެކޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ރޭގެ މެޗާ އެކު ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ރަށުންބޭރުގައި ބާސެލޯނާ އަށް މޮޅެއް ނުލިބި ވަނީ ހަ ވަނަ މެޗު ފުރިހަމަ ކުރަން ޖެހިފަ އެވެ. އެ ހަ މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ.
ބާސެލޯނާއިން ރޭގެ މެޗުގައި ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އޮސްމާން ޑެމްބެލޭ އާއި ލިއޮނަލް މެސީ ވަނީ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ބާސެލޯނާގެ އެޓޭކުތައް ހުއްޓުވަން ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން. އެކަމަކު އަހަރެމެން ޖެހޭނެ ގޯލު ޖަހަން. އެއީ އެންމެ މުހިއްމު ކަމަކީ. މިއީ އަަހަރެމެންނަށް ފަރުޖައްސާލެވޭނެ ނަތީޖާއެއް. މާޒީގައި ވެފައި އޮތް ކަމަކަށް ބަލައިގެން ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް. މިއީ ކަންބޮޑުވާންޖެހޭ ނަތީޖާއެއް ވެސް ނޫން،" ރޭގެ މެޗަށް ފަހު ވަލްވޭޑޭ ބުންޏެވެ.
ރޭގެ މެޗުގައި ލިޔޯނުން ވެސް ވަނީ ބާސެލޯނާ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ބޯޅަތައް ހުއްޓުވީ ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް އަންދްރޭ ސްޓެގެން އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އޮއުސާމް އޯއާރް އެވެ.
"ލިޔޯނުން ވެސް ވަނީ މި ސީޒަނުގައި ރަށުންބޭރުގައި ތަފާުތު ނަތީޖާތަކެއް ނެރެފައި. ހާއްސަކޮށް ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ސިޓީ ދަނޑުގައި ހޯދި މޮޅު އެއީ ތަފާތު ކާމިޔާބެއް. އަހަރެމެން ޖެހޭނެ ވަރަށް ވިސްނައިގެން ކުޅެން،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު 13 ގަ އެވެ. ވަލްވޭޑޭ ބުނީ އުއްމީދަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ތަފާތު ދައްކައި ޖެހިޖެހިގެން 11 ވަނަ ފަހަރަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދުން ކަމަށެވެ.