22 ފެބުރުއަރީ 2019 - 11:09

ލަންޑަން (ފެބްރުއަރީ 22) - ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ މަގާމުގައި ބެހެއްޓުމާ މެދު ޗެލްސީން ގޮތެއް ނިންމާނީ އަންނަ އާދިއްތަ ދުވަހު ކުޅޭ ލީގު ކަޕް ފައިނަލް މެޗަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެންމެ ފަހުން ޗެލްސީ ކުޅުނު ހަތަރު މެޗުގައިވަނީ އިންގްލެންޑްގެ ބޮޑު ދެ ޓީމު އަތުން ބަލިވެފަ އެވެ. މި މަހު 10 ވަނަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 6-0 އިން ރަށުންބޭރުގައި ބަލިވިއިރު، މިދިޔަ ހޯމަ ދުވަހުގެރޭ އެފްއޭ ކަޕުން ކެޓީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން ބަލިވުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ބޯޑުން ވަނީ ސާރީއާ މެދު ގޮތެއް ނިންމުން އަވަސްކުރަން ވިސްނައިފަ އެވެ. އެ ގޮތުން އޭނާ އަށް ޓީމުގެ ކޯޗެއްގެ ގޮތުގައި ދެމިހުރެވޭނީ އާދިއްތަ ދުވަހު ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.
ޗެލްސީގެ ސަޕޯޓަރުން ވެސް ސާރީއާ މެދު ނުރުހުންވެފައިވާއިރު، ރޭ ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ސްވިޑެންގެ މަލްމޯއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާރީ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ސާރީ ބުނީ އޭނާ ޗެލްސީގައި ކުރާ މަސައްކަތް އެ ކްލަބްގެ ވެރިން ބަލައިގަންނަ ކަމަށާއި އުއްމީދަކީ ދިގު މުއްދަތަކަށް ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުރުން ކަމަށެވެ.
ސާރީ މަގާމުން ދުރުކޮށްފިނަމަ ޗެލްސީން ތިން ކޯޗަކަށް ފާރަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ މިހާރު ޑާބީ ކައުންޓީގެ ކޯޗަކަށް ހުރި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް އާއި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ލޯރެންޓް ބްލޮންކް އެވެ.
މީގެ ތެރެއިން ލަމްޕާޑް ވަނީ މި ވަގުތަކީ އޭނާ ޗެލްސީއާ ހަވާލުވާން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޒިދާންގެ ވިސްނުން ހުރީ ޔުވެންޓަސްއާ ހަވާލުވުމަށެވެ. ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޔުވެންޓަސް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފައިވާއިރު، ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ބައެއް ބޯޑު މެމްބަރުން ވަނީ ބްލޮންކް އެ ޓީމުގެ ކޯޗަކަށް ގެންނަން އޭނާގެ އޭޖެންޓާ މަޝްވަރާކޮށްފަ އެވެ. އަދި ކުރިން ޔުނައިޓެޑަށް ކުޅުނު ބްލޮންކް ވަނީ ޗެލްސީ އަށް އަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.