އެމްޓީސީސީގެ އޮފީސް ފަޅާލައި 80،000ރ. ވަގަށް ނަގައިފި
އެމްޓީސީސީގެ އޮފީސް ފަޅާލައި 80،000ރ. ވަގަށް ނަގައިފި

އެމްޓީސީސީގެ ޓަވަރުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލައި، އެތަނުން 80،000 އަށް ވުރެ ގިނަ ރުފިޔާ ރޭ ދަންވަރު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ހަމައެކަނި ބުނީ މައްސަލަ ތަހުގީގުކުރާ ކަން އެކަންޏެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް "މިހާރު" އަށް ވިދާޅުވީ ވަގުން ނަގާފައި ވަނީ އިންޝުއަރެންސްގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގުން ވަދެ ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު ހިލްމީގެ ލެޕްޓޮޕް ވެސް ވަނީ ވަގަށް ނަގައިފަ އެވެ.

"ވަގުން ހުރީ ކެމެރާ އަށް އަރާފައި. އެ މީހުން ތިބީ މާސްކް އަޅައި މޫނު ނިވާކޮށްގެން ވަރަށް ބޮޑަށް ތައްޔާރުވެގެން. ރޭ ދަންވަރު 3:40 ގައި ވަގުން ވަނީ،" ޝާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަގުން ވަދެފައި ވަނީ އެމްޓީސީސީގެ ޓަވަރާ ޖެހިގެން ހުރި އާރުއެންސީސީގެ ކޮންސްޓްރަކްޝަންގެ އިމާރާތުގެ ތެރެއިންނެވެ. އަދި އެމްޓީސީސީގެ ދޮރަކުން ވަނުމަށްޓަކައި، ކަށިގަނޑު ފަދަ އެއްޗެހި ބޭނުންކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.