24 ފެބުރުއަރީ 2019 - 11:10

މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފިރިހެން ކްރިކެޓް ކުޅުންތެރިޔާގެ މަގާމް ޔޫސުފް އަޒްޔާން ފަރުހަތު އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް އައިޝަތު އައިމާ ހާސިލްކޮށްފި އެވެ.

މި ދެ ކުޅުންތެރިންނަށް އެވޯޑް ދެއްވީ ގިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ކްރިކެޓް އެވޯޑް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމް ވެސް ހޯދި އުމުރުން 18 އަހަރުގެ އަޒްޔާން ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއަން ޕްރިމިއާ ލީގުގައި ގްރީންވޭލްސް ކެންގަރޫސް އަށް ކުޅެ އަދި އޮސްޓްރޭލިއާގެ ބިގް ބޭޝްގައި މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދައިފަ އެވެ. ކުރީގެ ކުޅުންތެރިޔާ ފަރުހަތު ޖަލީލްގެ ދަރިފުޅު އަޒްޔާން ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޓީޓްވެންޓީ ދެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮވި އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާގެ މަގާމް ހޯދި އައިމާ އަކީ މީގެ ދެ އަހަރު ކުރިން ފުވައްމުލަކުގައި ފެށި ކްރިކެޓް ޔޫތު ޑިވެލޮޕްމަންޓުން ޕްރޮގްރާމް އުފެދުނު ކުޅުންތެރިޔެކެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިޔާގެ މަގާމް ހޯދި އައިމާ ވަނީ އެންމެ ފަހުން ބޭއްވި ވިމެންސް ޓީޓްވެންޓީ ކްރިކެޓް މުބާރާތުގެ ދެ ވަނަ މަގާމް ފުވައްމުލަކު ސީބީއެލް ސްޕޯޓްސް ހޯދިއިރު ކުޅެ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު އުކުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
ފިރިހެން ކެޓަގަރީން މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ ގައުމީ ކެޕްޓަން މުހައްމަދު މަހަފޫޒެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އާދަމް ނާސިފް އުމަރެވެ. އަންހެން ބައިން އެންމެ މޮޅު ބެޓްސްވުމެންއަކަށް ހޮވުނީ ސަމިއްޔާ ހަމީދެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އައިޝަތު ހަމްޒާ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކްލަބަކީ ސީބީއެލް ސްޕޯޓްސް އެވެ. އެންމެ ހިދުމަތްތެރި ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވުނުއިރު އެންމެ ހިދުމަތްތެރި ކޯޗުގެ މަގާމަށް ހޮވުނީ ލ. ކުނަހަންދޫގައި ކޯޗިން ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު (ލަރޭ) އެވެ. ކްރިކެޓް ޑިވެލޮޕްމަންޓް އެވޯޑް ހޯދީ ޏ. ފުވައްމުލަކުންނެވެ.
އަތޮޅު ކްރިކެޓުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިންނަކީ ލ. ކުނަހަންދޫ މުހައްމަދު ޔާސީނާއި ލޫތު އަބޫބަކުރާއި ފުވައްމުލަކު އަހުމަދު ޒާދު އާއި މުހައްމަދު ޖުސާން އާއި އަލީ ޔާނިއު އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިންނަކީ ފުވައްމުލަކު މަރިޔަމް ޒޫނާ މުހައްމަދާއި އައިޝަތު ހަނީފާ އާއި ފާތިމަތު އަނާލް އާއި ކުނަހަންދޫ ސުމިއްޔާ ބިންތު އަބްދުލްހަމީދު އަދި ހަފްސާ އަބްދުﷲ އެވެ.