25 ފެބުރުއަރީ 2019 - 07:15

ޓައިވާނުގެ ޒުވާނަކު އޭނާގެ އައިޑީ ކާޑު ޓެޓޫއަކުން ކަނާއަތުގެ މުލައްދަނޑީގައި ކުރަހައިފި އެވެ.
ހޯޗީ މިންހް ސިޓީގައި ދިރިއުޅޭ މި ޒުވާނާގެ ގާތް ރައްޓެހިން، އައިޑީ ކާޑު ނަކަލުކޮށްފައިވާ އަތުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ބުނެފައި ވަނީ ޓެޓޫއެއްގެ ގޮތުގައި އަތުގައި އައިޑީ ކާޑު ނަކަލު ކުރަން ބޭނުންވީ އޭގެ މަތިން އޭނާ ހަނދާން ނެތޭލެއް ގިނަވުމުން ކަމަށެވެ.
އެހެންވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އައިޑީ ކާޑު އަބަދު ފެންނަން އިންނާނެ ގޮތް ހަދައިލީ އެވެ.
މިކަމާ ގުޅިގެން ބައެއް މީހުން ވަނީ އެ ޒުވާނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ އައިޑީ ކާޑު ޓެޓޫއަކީ އަސްލު ޓެޓޫއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އޭތި ތަންތަނުން ގަބޫލު ކުރާނެ ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.
ނަމަވެސް އެ ޓެޓޫ ޖަހައިދިން ގުޔެން ވެން ތިއެން ޑާއީ މީޑިއާތަކަށް ބުނި ގޮތުގައި އައިޑީ ޓެޓޫއަކީ ހަމަ އަސްލު އެއްޗެކެވެ. އޭނާ ކިޔައި ދިން ގޮތުގައި އެކަހަލަ ޓެޓޫއަކަށް ރިކްއެސްޓް ކުރުމުން ފުރަތަމަ ވަރަށް ހައިރާން ވެސްވި އެވެ. ސަބަބަކީ އައިޑީ ކާޑުގައި ހުންނަ މައުލޫމާތުތަކަކީ ގިނަ މީހުން ވަރަށް ސިއްރުކޮށްގެން އުޅޭ މައުލޫމާތަކަށްވުމެވެ.
ގުޔެން ބުނި ގޮތުގައި ޒުވާނާގެ އަތުގައި އައިޑީ ޓެޓޫ ޖަހަން ނެގީ ގާތްގަނޑަކަށް ގަޑިއެއްހާ އިރެވެ.