26 ފެބުރުއަރީ 2019 - 11:39

ފަނޑިޔާރުންގެ ކަންބޮޑުވުންތަކާ އެކު ގިނަ އަދަދެއްގެ ފަނޑިޔާރުން ސޮއިކުރައްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުން ސަތޭކަ އަށް ވުރެ ގިނަ ފަނޑިޔާރުން ސޮއިކުރައްވާފައިވާ ޕެޓިޝަނުގައި މުސާރަ އާއި އިނާޔަތާ ގުޅޭ ކަންކަމާއި އެކި މަރުހަލާތަކުގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މެދު ހުރި ތަފާތުކުރުންތައް ފާހަގަކުރައްވާފައިވެ އެވެ.
ޕެޓިޝަނުގައިވާ އެއް ކަމަކީ ޖިނާއީ ކުށެއް ސާބިތުވެ ނިހާއީ ހުކުމެއް އައުމުން މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު އުވާލުމެވެ. ޕެޓިޝަނުގައި ބުނެފައިވަނީ އެ އިސްލާހުގެ ސަބަބުން ފަނޑިޔާރުންގެ މައްޗަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ނުފޫޒު ފޯރުވުމުގެ ދޮރުހުޅުވިފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމުން މަޖިލީހަށް ހުށަހަޅައި ފާސްކުރި އެ އިސްލާހު އައުމުގެ ކުރިން ފަނޑިޔާރަކު ވަކިކުރެވެނީ ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެންނެވެ.
އިސްލާހުގައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ހިނދު މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކުރުމާއި ދައުވާ އުފުލައިފި ނަަމަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރުން ހިމެނެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު ހުށަހެޅި އެއިސްލާހު ތަސްދީގުކޮށް އަމަލުކުރަން ފެށީ މާޗް 14، 2018 ގަ އެވެ.
އެ އިސްލާހަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ރޫހާ ހިލާފު އިސްލާހެއް ކަމަށް ޕެޓިޝަނުގައިވެ އެވެ.
މުސާރަ އާއި އިނާޔަތްތައް މަދުކަމުގެ ކަންބޮޑުވުމާއި އެފަދަ އިނާޔަތްތައް ދިނުމުގައި ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންނާއި ރަށުކޯޓްތަކުގެ މެޖިސްޓްރޭޓުންނާ ދެމެދު ބޮޑެތި ފަރަގުތައް ހުރުން ފަނޑިޔާރުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅުއްވާފައިވެ އެވެ.
މުސާރައާ މެދު ފާޅުކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅީ 2010 ވަނަ އަހަރު ކަމަށް ވެފައި އޭގެ ފަހުން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވި އިރު ފަނޑިޔާރުންގެ މުސާރަޔަށް ބަދަލެއް ނައުމެވެ.
ފަނޑިޔާރުން ވިދާޅުވެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ އާއްމު ހަރަދުތައް ބޮޑުވުމުން އެ ބަދަލާ އެއްގޮތަށް ދައުލަތުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވެ އެވެ. އެހެންވެ ފަނޑިޔާރުންގެ މުސާރަޔަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ ފަނޑިޔާރުންނަށް މިހާރު ލިބޭ މުސާރަޔަކީ އެކަށީގެންވާ މުސާރަޔަކަށް ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
"...ދިރިއުޅުމުގެ އާއްމު ހަރަދުތަކާއި ކެއިން ބުއިމަށް ބޭންކުރާ ތަކެއްޗާއި ތަންތަނުގެ ކުލި ބެލުމަށް ފަހު އެކަންކަމަށް އެކަށީގެންވާ ފަދަ ގޮތަކަށް ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާކޮށްދެއްވައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުން" އެއީ ފަނޑިޔާރުންގެ ހުށަހެޅުއްވުމެކެވެ.
މުސާރަޔައި އިނާޔަތުގެ އިތުރުން ދައުލަތުގެ ބައެއް އެހެން މުއައްސަސާތަކުގެ މުވައްޒަފުންނެކޭ އެއްގޮތަށް ފަނޑިޔާރުން ނަށް ވެސް ފަސޭހަ ހައުސިން ސްކީމްތަކެއް ހޯދައިދޭން ވެސް އެދިފައި ވެ އެވެ.
މި ޕެޓިޝަން ހުށަހަޅާފައި މި ވަނީ ޖުޑީޝަރީ އިސްލާހުކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މަހާސިންތާއެއް ބާއްވައި ޖުޑީޝަރީގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވަނިކޮށެވެ.