މަލްވިކާ ރާޖް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް
މަލްވިކާ ރާޖް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް

ކަރަން ޖޯހަރު 2001 ވަނަ އަހަރު ގެނެސް ދިން "ކަބީ ހުޝީ ކަބީ ޣަމް" ގައި ކަރީނާ ކަޕޫރު ކުޅުނު "ޕޫ" ގެ ކެރެކްޓާގެ ކުޑައިރުގެ ރޯލް ކުޅުނު އަންހެން ކުއްޖާ މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟ މިހާރު އުމުރުން 25 ވެފައިވާ ޒުވާނާ މިހާރު އަންނަނީ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.

މަލްވިކާ ރާޖް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރޭ ފިލްމަކީ ކުޅަދާނަ އެކްޓަރު ޑެނީ ޑެންގްޒޯޕާގެ ފިރިހެން ދަރިފުޅު ރިންޒިން ޑެންގްޒޯޕާ ވެސް ތައާރަފުވާ ފިލްމު "ސްކޮޑް" އެވެ. މި ފިލްމުގެ ބަތަލާގެ ރޯލަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން މަލްވިކާ ބުނީ އޭގައި އޭނާ ކުޅެން ޖެހެނީ އެކްޝަން ރޯލެއް ކަމަށްވާތީ، ތައްޔާރީތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

"ރިންޒިންއާ އެކު ބޮލީވުޑަށް ތައާރަފުވާ ފުރުސަތު ލިބުނީމަ ވަރަށް އުފަލުން މިހިރީ. ސްކޮޑްއަކީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެން ދާނެ ލޯބީގެ ބައި ވެސް ބޮޑު ފިލްމަކަށް ވާނެ،" މަލްވިކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރިންޒިންއަކީ ސްކޫލް ދައުރުގައި ވެސް ދަންނަ މީހެކެވެ. އެގޮތުން އެއް ސްކޫލެއްގައި ކިޔަވަން ފުރުސަތު ލިބުމުން އަބަދުވެސް އެކުވެރިކަން އޮންނަ ކަމަށް ބުންޏެވެ.

"ކުޑައިރު އެކަކު އެކަކު އަނެކަކުގެ އުފަން ދުވަހުގެ ޕާޓީތަކަށް ވެސް ދިއުން ވެސް އޭރު އޮވޭ. އެކަމަކު މި ފަހަރު ރިންޒިންއާ ސްކްރީން ހިއްސާކޮށްލަން ލިބުމަކީ އަދި މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ،" މަލްވިކާ ބުންޏެވެ.

އެޕްރީލް މަހު ޝޫޓިން ފަށާ "ސްކޮޑް" ގެ ޑައިރެކްޓަރަކީ ނިލޭޝް ސަހޭ އެވެ. މި ފިލްމުގެ މަންޒަރުތައް މުމްބާއީ އާއި ހަންގޭރީގެ ބުޑަބެސްޓްގައި ނަގާ އިރު، ފިލްމުގެ އެކްޝަން ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2015 ގައި ރިލީޒް ކުރި ހޮލީވުޑް "މޭޑް މެކްސް: ފިއުރީ ރޯޑް" ގެ އެކްޝަންތައް ވެސް ޑިޒައިން ކުރި ކިއާ ބެކް އެވެ.

"ސްކޮޑް" އިން މަލްވިކާ ބޮލީވުޑަށް ތައާރަފުވާ އިރު، 2017 ވަނަ އަހަރު ރިލީޒް ކުރި ތެލެގޫ ފިލްމު "ޖަޔަދޭވް" ގެ ބަތަލާގެ ރޯލް ވެސް އޭނާ ކުޅެފައިވެ އެވެ. "ސްކޮޑް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.