ރޮނާލްޑޯ އެނބުރި ޕްރެކްޓިހަށް
ރޮނާލްޑޯ އެނބުރި ޕްރެކްޓިހަށް

ޓިއުރިން (މާޗް 1) – ކުޑަހުޅުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވުނު ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ތަމްރީންތަކުގައި އިއްޔެ ބައިވެރި އާދައިގެ މަތިން ތަމްރީންތައް ފުރިހަމަކޮށްފި އެވެ.

އެކަމަކު އެކަމަކު އިޓާލިއަން ލީގުގައި މާދަމާރޭ ރަށުން ބޭރުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މުހިއްމު މެޗުގައި އޭނާ ބޭނުންކުރާނެކަން ކަށަވަރެއް ނޫން ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސަބަބަކީ މިހާރު ވެސް ޔުވެންޓަސް އޮތީ ނަޕޯލީ އަށް ވުރެ 13 ޕޮއިންޓް ކުރީގައި ކަމަށްވެފައި، ޗެމްޕިއަންސް ލީގުގައި މުހިއްމު މެޗެއް ކުރިއަށް އޮތުމެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ބަލިވެފައިވާތީ އަންނަ ހަފުތާގައި ކުޅޭ މެޗުގައި ޔުވެންޓަސް އަށް ރޮނާލްޑޯގެ މުހިއްމުކަން ވަރަށް ބޮޑުވާނެ އެވެ.

ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ބުނީ ކޮންމެ ދުވަހަކު ވެސް އެތުލެޓިކޯގެ މެޗާ ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނަން ޖެހޭނެ ކަމަށާއި އެކަމަކު އެ މެޗަށް ފުރިހަމަ ސަމާލުކަން ދޭނީ ކުރިއަށް ހުރި މެޗުތަކަށް ފަހު ކަމަށެވެ. އޭނާ ބުނީ ނަޕޯލީ މެޗު އުނދަގޫވާނެ ކަމަށާއި އެކަމަކު އެ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ގާތްގަނޑަކަށް ލީގު ކަށަވަރުވާނެ ކަމަށެވެ. މާދަމާރޭގެ މެޗުން ޔުވެންޓަސް މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ފަރަގު 16 ޕޮއިންޓަށް ބޮޑުވާނެ އެވެ. އެ ފަރަގު ނައްތާލަން ދެން އޮންނާނީ 12 މެޗެވެ.

މި ސީޒަނުގައި ޔުވެންޓަސްގެ ހަގީގީ ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ. ރެއާލް މެޑްރިޑަށް ބޮޑު އަގެއް ދީފައި މި ސީޒަނުގައި ރޮނާލްޑޯ ގެނައި ސަބަބަކީ ވެސް އެ މުބާރާތް ކާމިޔާބުކުރުމެވެ. އެހެންވެ ދެ ވަނަ ބުރުން ކެޓުން އެއީ އެ ޓީމަށް ބަލައިގަނެވޭނެ ނަތީޖާއެއް ނޫނެނެވެ.