މެންޗެސްޓާގެ ދެ ކްލަބުން އަހަރެން ބޭނުންވި: ބުފޮން
މެންޗެސްޓާގެ ދެ ކްލަބުން އަހަރެން ބޭނުންވި: ބުފޮން

ޕެރިސް (މާޗް 5) – މެންޗެސްޓާ ޔުނައިޓެޑުން އޭނާ ބޭނުންވި ކަމަށާއި އަދި މެންޗެސްޓާ ސިޓީގެ ބޮޑު އޮފާއަކަށް ނޫނެކޭ ވެސް ބުނި ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

ބުފޮން މިހާރު ކުޅޭ ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ. އޯލްޑް ޓްރެފޯޑުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީން 2-0 އިން ކާމިޔާބުކޮށްފައިވާތީ ޕެރިސް މެޗަށް ނުކުންނައިރު ޕީއެސްޖީ އޮތީ ހަމަޖެހިލައިގެންނެވެ. މެޗުގެ ކުރިން އޭނާ ވަނީ މެންޗެސްޓާގެ ދެ ކްލަބުން އޭނާ ހޯދަން މަސައްކަތްކުރި ގޮތުގެ ވާހަކަތައް ކިޔައިދީފަ އެވެ.

"އަހަރެމެން ޕާމާ އަށް ކުޅުނުއިރު އެލެކްސް ފާގަސަން ދެ ތިން އަހަރު ވަންދެއް އަހަރެންގެ ކުޅުން ވަރަށް ގާތުން ބެލި. އޭނާ އަބަދުވެސް އަހަރެންގެ މެޗުތަކަށް ސްކައުޓުން ފޮނުވާނެ،" ބުފޮން ބުންޏެވެ.

"އޭރު ޕާމާ އަކީ އަހަރެންގެ ދުނިޔެ. އަހަރެން ބޭނުމެއް ނުވި އެ ކްލަބް ދޫކޮށްލާކަށް. ފަހުން މެންޗެސްޓާ ސިޓީން ޓީމެއް ބިނާކޮށް ޔޫރަޕުގެ ބާރަކަށް ވުމުގެ މަސައްކަތް ފެށި ދުވަސްވަރު އަހަންނަށް ބޮޑު އޮފާއެއް ލިބުނު. ފުރަތަމަ ކުޅުންތެރިޔެއްގެ ގޮތުގައި އަހަރެން ގެންދަން ބޭނުންވި. އެކަމަކު އަހަރެން ނިންމީ ޔުވެންޓަސްގައި މަޑުކުރަން."

މެންޗެސްޓާ ޔުނައިޓެޑަށް ވެސް ބުފޮން ނުލިބި އެންމެ ފަހުން ގެންދިޔައީ ޔުވެންޓަސްގެ އެޑިން ވެން ޑަ ސާ އެވެ. އަދި އޭނާ ދިއުމުން ޔުވެންޓަސްގައި ހުސްވި ޖާގައަށް ގެނައީ ޕާމާ އަށް ކުޅެމުން އައި ބުފޮން އެވެ. ވެން ޑަ ސާ ވެސް ޔުނައިޓެޑުގައި އަދި ބުފޮން ވެސް ޕީއެސްޖީގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.