މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރަން ވިލިމާލެ ޓާމިނަލްގެ ފިހާރަ އަށް ހުއްދަ ދީފި
މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރަން ވިލިމާލެ ޓާމިނަލްގެ ފިހާރަ އަށް ހުއްދަ ދީފި

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ވިލިމާލެ ފެރީ ޓާމިނަލްގައި ހުންނަ 'އެކްސްޕްރެސް މާޓް' ފިހާރަ އަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ދީފި އެވެ.

މިއީ 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ މި ސަރުކާރުން ދޭން ފެށި ފަހުން މާލޭގައި އެ ހުއްދަ ދިން ފުރަތަމަ ފިހާރަ އެވެ. އެކަމަކު، މާލޭގައި 24 ގަޑިއިރު ކެފޭ/ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އިއްޔެ އާއި މިއަދު ވަނީ ހަތަރު ތަނަކަށް ދީފަ އެވެ.

މާލޭގައި 24 ގަޑިއިރަށް ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އިއްޔެ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށެވެ. އަދި ފުޑް ކޯޓުގައި ހުންނަ ވީވާ ކެފޭ ވެސް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ސަރުކާރުން މިއަދު ވަނީ ދީފަ އެވެ.

މާލޭގައި މިހާރު 24 ގަޑިއިރަށް ހަތަރު ކެފޭ އަކާއި އެއް ފިހާރަ ހިންގާނެ އެވެ.

ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ 24 ގަޑިއިރަށް ހިންގަން ހުއްދަ ދިނުމުގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައެޅިފަ އެވެ.

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން.

- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން.

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން.

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން.

އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީ އަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.