10 މާޗް 2019 - 14:43

އެޑިސް އަބާބާ (މާޗް 10) - ވެރިރަށް އެޑިސް އަބާބާ އިން ކެންޔާ އަށް 157 މީހުންނާ އެކު ދަތުރުކުރި އިތިއޯޕިއަން އެއާލައިންސްގެ ބޯތެއް މިއަދު ވެއްޓިއްޖެ އެވެ.
ބޯޓު ވެއްޓުނީ އެޑިސް އަބާބާ އިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބޯޓުން ދަތުރުކުރީ 149 ޕަސިންޖަރުންނާއި އަށް ކްރޫންނެވެ. ބޯޓު ވެއްޓުނުކަން ފުރަތަމަ އިއުލާން ކުރެއްވީ އިތިއޯޕިއާގެ ބޮޑު ވަޒީރު އަބިޔީ އަހުމަދެވެ.
އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޓު ވެއްޓުނުތަނުން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވީ ކިތައް މީހުން ކަމެއް އެއާލައިނުން ނުބުނެ އެވެ.
ވެއްޓިފައި ވަނީ ބޯއިން 737-800 މެކްސް މަރުކާގެ ބޯޓެކެވެ. މިދިޔަ އޮކްޓޯބަރު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓަކީ ވެސް ބޯއިން 737-800 މެކްސްގެ ބޯޓެވެ. ޖަކާޓާ އިން ފުރިތާ 13 މިނިޓް ތެރޭ ކަނޑަށް ވެއްޓުނު އެ ބޯޓުން ދަތުރު ކުރި 189 މީހުން ވަނީ މަރުވެފަ އެވެ.
އިތިއޯޕިއާ އެއާލައިންސް އިން އެފްރިކާގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރެ އެވެ. އެއީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ރެކޯޑް އޮތް އެއާލައިނެއް ނަމަވެސް 2010 ވަނަ އަހަރު އެ އެއާލައިނުގެ ބޯޓެއް ބެއިރޫތުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެޑިޓެރޭނިއަން އަށް ވެއްޓި 90 މީހުން މަރުވި އެވެ.