11 މާޗް 2019 - 08:51

މެޑްރިޑް (މާޗް 11) – ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނައި ނަމަވެސް ކޯޗު ސެންޓިއާގޯ ސޮލާރީގެ މަގާމާ މެދު އެއްވެސް ޔަގީންކަމެއް ނެތެވެ.
މެޑްރިޑް ވަނީ މިދިޔަ ހަފުތާގައި ބާސެލޯނާ އަތުން ޖެހިޖެހިގެން ދެ މެޗުން ބަލިވެ ސްޕެނިޝް ކަޕުން ކަޓައި އަދި ލީގު ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އަޔަކްސް އަތުން 4-1 އިން ބަލިވެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުންނެވެ. މިއީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަނުންނަށް ގަބޫލުކުރަން ދަތިވި ނަތީޖާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސޮލާރީ ވަކިކޮށް ވަގުތީ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ކްލަރެންސް ސީޑޯފް ގެންނަން އެ ކްލަބުން ވިސްނާފައިވާ ކަމަށެވެ. އެކަމަކު މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ ސީޒަނުގައި ދާއިމީ ކޯޗަކަށް ގެންނަން ވާހަކަދެކެވިފައިވާ ހޯސޭ މޮރީނިއޯ ސީޒަނުގެ މިހިސާބުން ވެސް ހަވާލުވެދާނެ ކަމަށެވެ.
ރޭގެ މެޗަކީ ސޮލާރީގެ ފަހު މެޗު ކަމަށް ބެލެވެ އެވެ. އެ ސުވާލުކުރުމުން އޭނާ ބުނީ ޖަވާބުދެވެން ނެތް ކަމަށާއި އޭނާގެ ސަމާލުކަން ހުރީ މިއަދު އޮންނަ ޓްރެއިނިން ސެޝަނަށް ކަމަށެވެ.
ރޭގެ މޮޅާ އެކު މެޑްރިޑް ތިން ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 63 ޕޮއިންޓާ އެކު ބާސެލޯނާއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު ފަސް ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
ރެލިގޭޝަން ޒޯނާ ދާތި ގާތުގައި، 16 ވަނައިގައި 26 ޕޮއިންޓާ އެކު އޮތް ވަޔަޑޮލިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރި ހޯދީ ވެސް އެ ޓީމުންނެވެ. އެކަމަކު ކަރިމް ބެންޒެމާ ޖެހި ދެ ގޯލާއި ރަފައެލް ވަރާން އާއި ލޫކާ މޮޑްރިޗް ޖެހި ގޯލްތަކާ އެކު ފަހަތުން އަރައި މެޑްރިޑް ފަސޭހަކަމާ އެކު މޮޅުވި އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯ އަށް ވަނީ ދެ ވަނަ ރީނދޫކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.